މިނިވަންދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔަ ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން ހުޅުމާލޭގައި މިއަދު ހަވީރާއި ރޭގަނޑުވެސް އޮންނާނެއެވެ.
މިނިވަންދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ފުޅަނދުބުރުގެ ހަރަކާތް ރޭ ވަނީ މާލޭގައި ކުރިއަށްގެންގޮސްފައެވެ.
ހުޅުމާލޭގައި ފުޅަނދުތައް ދައްކާލުން އޮންނާނީ މިއަދު ހަވީރު 4:30ގައެވެ. އަދި މިރޭޭ 8:30 އިން ފެށިގެން 11:00އާ ހަމައަށް ސަޤާފީ ނެށުންތަކާއި، ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސަރުކާރުން މާލޭގައި ބާއްވަވަމުން އަންނަ ފުޅަނދުބުރުގައި މިއަހަރު ސަރުކާރުގެ 11 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.
މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ވަކިން ޚާއްސަކޮށް ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުންވެސް ފެނިގެންދާނެއެވެ.
މީގެއިތުރުން، ފުލަނދުބުރުގައި، ފުޅަނދުތަކާއެކު ދިވެހިންގެ ސަޤާފަތާއި ތާރީޚު ރަމްޒުކޮށްދޭ ހެދުންތަކާއި، ކާޓޫންތަކާއި ފިލްމުތަކުން އާއްމުންގެ މަޤުބޫލުކަން ހޯދާފައިވާ ކެރެކްޓަރތައްވެސް ފެނިގެންދިޔައެވެ. ހަމައެހެންމެ ސަޤާފީ ބައެއް ކުޅިވަރުތައްވެސް ކުންފުނިތަކުން ހުށަހަޅާދީފައިވެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުޅަނދުބުރަކީ އެކި އުމުރުގެ މީހުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް އޮންނަ ހަރަކާތެކެވެ.