ދުނިޔެ

އިޓަލީވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފި


އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

އިޓަލީވިލާތުގައ މިހާތަނަށް 507،509 މީހުންނަށް ކޯވިޑް-19 ޖެހި 37،219 މީހުންވަނީ މަރުވެފައެވެ. އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި ދުވަސްވަރުގައި އެ ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު ބަލި ފެތުރޭ މިންވަރު ފަހުންވަނީ މަދުވެފައެވެ. ނަމަވެސް އަނެއްކާވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 19.644 މީހުންނަށް ބަލިޖެހި 151 މީހުންވަނީ މަރުވެފައެވެ.

އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން އިރުއޮއްސި ހައެއް ޖެހުމުން ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރަން ޖެހެއެވެ. ސްވިމިންގު ޕޫލުތަކާއި ޖިމްތަކާއި ސިނަމާތައްފަދަ ތަންތަންވެސް ވަގުތީގޮތުން ބަންދުކުރުމަށްވަނީ އަންގައިފައެވެ. އޭގެ އިތުރުން ސާނަވީ ތަޢުލީމު ޙާޞީލްކުރަމުންދާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުކުރުމަށްވެސް އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުންވަނީ އަންގައިފައެވެ.

އެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ބޮޑުވަޒީރު ގުސެއްޕެ ކޯންތޭގެ މަރުކަޒީ ސަރުކާރާއި ސަރަޙައްދީ ސަރުކާރުތަކުގެ އެއްބަސްވުމުގެ މަތިންނެވެ. އައު ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިޓަލީވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ކާފިއު ހިންގުމުން އެ ޤައުމުގެ ނޭޕްލްސް އާއި ރޯމުގައި ދެ ރޭ ވަންދެން މުޒާހަރާކޮށްފައިވަނިކޮށެވެ.

އިޓަލީވިލާތުގެ މައި ސަރުކާރުން ބުނީ އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ދުވަސްވަރު ޤާއިމްކުރިފަދަ ފުރިހަމަ ފުރަބަންދެއް އަލުން ޤާއިމްކުރުމަށް ބޭނުންނުވާކަމަށެވެ. އެފަދަ ފިޔަވަޅެއްގެ އިޤްތިޞާދީ ގެއްލުންތައް ވަރަށް ބޮޑުވާނެކަމަށާއި ކުރިއަށްވުރެ އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޖުބޫރުވެފައިވަނީ ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވަމުންދާތީކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުންވަނީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރު ތެރެއަށް ނުކުމެ ނޫޅުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސްކޮށްފައެވެ. އަދި އެކުގައި ދިރިއުޅޭ މީހުން ނޫން މީހުންނާ ބައްދަލުކުރުން މަދުކުރުމަށްވެސް ވަނީ ނަޞޭޙަތްތެރިވެފައެވެ. ނަމަވެސް ފިހާރަތަކާއި ވިޔަފާރިތައް ބަންދުކުރަން އަންގާފައެއް ނުވެއެވެ. އަދި މުޅި ޤައުމުން ޢަމަލުކުރަންޖެހޭ ކާފިއުއެއްވެސް ހިންގާފައެއް ނުވެއެވެ.