ވިޔަފާރި

މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ސީޕްލޭން ޙިދުމަތްދޭން ފަށަނީ


ދިވެހި ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އެހީތެރިކަމާއިއެކު އިންޑިއާގައި ސީޕްލޭން ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ސީޕްލޭން ޚިދުމަތް ފައްޓަވައިދެއްވާނީ މިމަހުގެ 31 ވަނަ ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ސީޕްލޭން ޚިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރު ކޮށްގެން ވަނީ އެ ޤައުމަށް ގެންގޮސްފައެވެ. އިންޑިއާގައި ސީޕްލޭން ޚިދުމަތް ފަށާއިރު ފުރަތަމަ ސީޕްލޭން އުދުއްސާލާނީ މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫއިންގެ އެހީތެރިކަމާއިއެކުއެވެ.

ރާއްޖެއިން ޗާޓަރުކޮށްގެން ގެންދިޔަ މޯލްޑިވިއަންގެ ސީޕްލޭން މިމަހުގެ 26 ވަނަ ދުވަހު އަޙްމަދުއާބާދަށް ދާނެއެވެ. މިކަމާއި ގުޅޭގޮތުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އުޝްހާ ޕަދީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، މޯލްޑިވިއަންގެ ސީޕްލޭން އަޙްމަދު އާބާދަށް އަންނާނީ ގޯއާ އަދި ކޮޗިންގައި ޓްރާންސިޓް ކުރުމަށްފަހުގައިކަމަށެވެ.

އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށްޓަކައި ދިވެހި ސަރުކާރާއި، ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ދެމުންދާ އެހީތެރިކަމަށް އެ ޤައުމުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިންޑިއާގައި ސީޕްލޭންގެ ޚިދުމަށް ދިނުމަށް ތައްޔާރުވަނީ އެ ޤައުމުގެ ސްޕައިސްޖެޓް އެއަރލައިނުންނެވެ. ސީޕްލޭން އޮޕަރޭޝަންގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއްފަހަރާ 14 ފަސިންޖަރުން އެރުވޭ ބޯޓުތަކެކެވެ.

ސްޕައިސްޖެޓުން އިންޑިއާގައި ސީޕްލޭން ޚިދުމަތްދޭންފަށާއިރު ދުވާލަކު 8 ދަތުރު ކުރުމަށް ވަނީ ތާވަލްކޮށްފައެވެ. މި ދަތުރުތައް ކުރާނީ އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއްކަމަށްވާ ކެވަޑިއާއަށެވެ. ސްޕައިސްޖެޓުންކުރާ ސީޕްލޭން ދަތުރުތަކުގެ އަގު އުޅެނީ ބޮލަކަށް 4800 އިންޑިއާ ރުޕީސްގައެވެ.

އިންޑިއާގެ ސީޕްލޭން ޚިދުމަތްފެށުމަށް މޯލްޑިވިއަނުން އެހީތެރިކަން ފޯރުކޮށްދޭއިރު މި ސަރަހައްދުގައިވެސް އޮން އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަނީ ރާއްޖޭގައެވެ. ރާއްޖޭގެ 3 ކުންފުންޏަކުން މިހާރުވެސް އަންނަނީ ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ މޯލްޑިވިއަން، ޓީއެމްއޭ އަދި މަންޓާ އެއަރއެވެ.