ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ އައު ރައީސްއަށް މަރުޙަބާ ވިދާޅުވެއްޖެ


ސީޝެލްސްގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ވޭވެލް ޖޯން ޗާލް ރަމްކަލަވާންއަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖުގައި އިންތިޚާބީ ރައީސް ވޭވެލް ޖޯން ޗާލް ރަމްކަލަވާން އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ޕާޓީން ސީޝެލްސްގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާ ސީޝެލްސްއަކީވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައި ވާތީ، ދެ ޤައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ޤުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލަތައް ޙައްލުކުރުމަށް އަޑުއުފުލުމުގައި ދެޤައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި، އަލަށް އިންތިޚާބުވެވަޑައިގެންނެވި ސީޝެލްސްގެ ރައީސްގެ ޒަޢާމަތުގައިވެސް ދެ ޤައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސީޝެލްސްގެ އައު ރައީސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.