ޚަބަރު

އަޑިގުޑަން ބޮޑު، ކަނބާ އައިސާރަނި ހިނގުމުގެ މަސައްކަތް ކުރިއަށް!


ތޮއްޖެހިފައިވާ މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު މައްސަލަތައްވެސް ބޮޑު މަގުތަކެކެވެ. މަގުތައް ހަލާކުވެ ދުއްވާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެފައިވާ އުނދަގޫތަކަކީ މި މާލެއްއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

މާލޭގެ މަގުތަކަށް ދިމާވާވެފައިވާ މައްސަލަތައް ޙައްލުނުކުރެވި އެތައް އަހަރުތަކެއް ފާއިތުވެދިއުމަށްފަހު ޒަމާނީ ފެންވަރަށް މަގުތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތްމިވަނީ ފަށާފައެވެ. "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފުރަތަމަ ތަރައްޤި ކުރަން ފަށާފައިމިވަނީ މާފަންނު ކަނބާއައިސާރަނި ހިނގުމެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ފަށާފައިވަނީ މާފަންނުންނެވެ. މިމަސައްކަތް ފަށާފައިވާ ކަނބާއައިސަރަނި ހިނގުމަކީ ކޮންމެ ދުވަހަކުވެސް މުދާ ބަރުކޮށްގެން ބޮޑެތި އުޅެނދުތައް ދުއްވާ މަގެކެވެ. އެ މަގުގައި އަޑިގުޑަންތައް ބޮޑުވުމުގެ ސަބަބުން މުދާ އުފުލާ ފަރާތްތަކަށާއި ޢާއްމުންނަށްވެސް ގެއްލުމާއި އުނދަގޫތައް ކުރިމަތިވެއެވެ. ބައެއް ފަހަރު މުދާތައް މަގުމައްޗަށް ވެއްޓި ނުރައްކާތެރި އެކްސިޑެންޓްތައްވެސް ހިނގާފައި އެބަހުއްޓެވެ. ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށްވެސް މިމަގުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދަދިނުނުމަށްޓަކައި މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައި މަގުހެދުމަށް ބޭނުންވާ ސާމާނުތައް ވަނީ ޖަމާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަގު ހެދުމުގެ މަސައްކަތް ކުރަމުންއަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓް މެނޭޖަރ އިސްމާޢީލް މިއުރާޖް ވިދާޅުވީ ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތް މިމަހުގެ 15ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

އެންމެފުރަތަމަ މަގުގެ ދުވާރުގެ މަސައްކަތް ކުރުމަށްޓަކައި އެތަން ކޮނެ އެތަނުގައި ވަޅުލާފައިވާ ކޭބަލްތައް ރަނގަޅު ކުރުމާއި ބިމުއަޑިން އަޅަންޖެހޭ ހޮޅިތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި ދުވާރުގެ މަސައްކަތަށްފަހު މަގުގެ ބާކީ ބައި ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މިއުރާޖް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްލޭންކޮށްފައިވާގޮތަށް މަގުގެ މަސައްކަތް ކުރިއަށްދާނަމަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު މަގުގެ މަސައްކަތް ނިންމައި މަގު ހުޅުވާލާނެކަމަށެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ހެދުމަށް ހަމަޖެހިފައިވަނީ މާފަންނު ހުޅަނގުގެ 7 މަގެއް ކަމަށެވެ. މަގުތައް ކޮންނަމުންދާއިރު ކޭބަލްތައް ހުރިގޮތުން ވަރަށްބޮޑަށް އުނދަގޫވާކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާއި ނަރުދަމާއާއި ޑީވޯޓަރިންއާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރޮށްގެންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިމަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅިއާއި ގޭސްހޮޅި ހިމަނައިގެންނެވެ. ޖުމުލަ 462 މިލިޔަނަށް ރުފިޔާ ޚާރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން، މާލެ ވަށައި ދުއްވޭނެގޮތް ވަނީ ހަދާފައެވެ. މިގޮތުން ރަސްފަނު ކައިރީގައި އޮތް ވެލިމަގު ތަރައްޤީކޮށް މިހާރުވަނީ ގައު އަތުރާފައެވެ.

"ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ފެށުމުގެ ކުރިން ވަނީ މާލޭގެ ބޮޑަށް ހަލާކުވެފައިވާ މަގުތައްކުގެ ގައުތައް އެއްވަރުކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންވެސް މަސައްކަތްތަކެއް ކޮށްފައެވެ.