ދުނިޔޭގެ ވިޔަފާރި

ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ލީކުން ހީ މަރުވެއްޖެ


ދުނިޔޭގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ލީ ކުން ހީ މަރުވެއްޖެއެވެ.

ސެމްސަންގް ކުންފުނީގެ ކާމިޔާބީއާއެކު ލީ ކުން ހީއަކީ ދެކުނު ކޮރިއާގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުފަދަ އެއް ވިޔަފާރިވެރިޔާއެވެ.

އުމުރުން 78 އަހަރުގެ ލީ ކުން ހީ މަރުވެފައިވަނީ 2014 ވަނަ އަހަރު ހާޓް އެޓޭކްއެެއް ޖެހި އެކަމަށް ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއްވަންދެން ފަރުވާދެމުން ދަނިކޮށެވެ. ލީ ކުން ހީ މަރުވިއިރު އޭނާގެ އަންހެނުންނާއި 4 ދަރިން ދުނިޔޭގައި އެބަތިއްބެެވެ. 2014 ވަނަ އަހަރު ލީ ކުން ހީއަށް ހާޓް އެޓޭކެއް ޖެހުނު ފަހުން ސެމްސަންގ ކުންފުނި ހިންގެވުމާ ޙަވާލުވެ ހުންނެވީ އޭނާގެ ދޮށީ ދަރިކަލުންނެވެ.

ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަންގެ މަރާއި ގުޅިގެން ސެމްސަންގުން ނެރުނު ބަޔާނުގައި ވަނީ ލީ ކުން ހީއަކީ ސެމްސަންގް މިއަދު ތަޖުރިބާކުރަމުންދާ ކާމިޔާބީގެ ބާނީ ކަމުގައި ބުނެފައެވެ. އެގޮތުން ލީ ކުން ހީގެ ވިސްނުމުގެ ދަށުން ސެމްސަންގުން ޒަމާނީ އައު އީޖާދުތަކެއް ޙަޤީޤަތަކަށް ހަދާފައިވާކަން ވަނީ ފާހަގަކޮށްފައެެވެ. އެގޮތުން މެމޮރީ ޗިޕްތަކާއި ސްޕެއަރޕާޓްސްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ލީ ކުން ހީ ކުރި މަސައްކަތް ސެމްސަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.

ލީ ކުން ހީއަކީ، އޭނާގެ ބައްޕަ އުފެއްދި ސެމްސަންގް ކުންފުނި ދެކުނު ކޮރިއާގެ އަދި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އަދި ފައިދާވާ އެއް ކުންފުނީގެ ގޮތުގައި ހެދި ފަރާތެވެ. ސެމްސަންގް ކުންފުންޏަކީ، ދެކުނު ކޮރެއާގެ ހަނގުރާމައަށްފަހު ޤައުމު ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުންފުނިކަމުގައި ވާއިރު، ކުންފުނީގެ ކާމިޔާބީގައި 1968 ވަނަ އަހަރު ކުންފުންޏާއި ހަވާލުވެވަޑައިގެން ލީ ކުން ހީގެ ދައުރު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ލީ ކުން ހީ ކުންފުންޏާއި ހަވާލުވުމަށްފަހު ކުންފުނީގެ ކުރީގެ ހުރިހާ އުފެއްދުންތަކެއް ދޫކޮށްލުމަށްފަހު މުޅިން އައު އީޖާދުތަކެއް ނެރުމަކީ ކުންފުނި މިހާ ކާމިޔާބުވި ސަބަބުކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޖަޕާންގެ ނަން މަޝްހޫރު ވަސޭޑާ ޔުނިވަރސިޓީއިން ތަޢުލީމު ހާސިލްކުރުމަށްފަހު އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީއިން އެމްބީއޭއާއި ހާސިލްކޮށްފައިވާ ލީ ކުން ހީ ވަނީ ދެ ފަހަރެއްގެ މަތިން ސެމްސަންގް ކުންފުނީގެ ޗެއަރމަންކަން ކުރައްވާފައެވެ. އެގޮތުން އޭނާގެ ބައްޕަ 1968 ވަނަ އަހަރު މަރުވުމަށްފަހު ކުންފުނީގެ ހުންގާނާއި ހަވާލުވުމަށްފަހު 2008 ވަނަ އަހަރު އޭނާގެ މައްޗަށް ޓެކްސްއަށް އޮޅުވާލިކަމަށް ސާބިތުވުމާއި ހަމައަށް އޭނާވަނީ ސެމްސަންގެ ޗެއަރމަންކަން ކޮށްފައެވެ. ޤައުމުގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ ވިޔަފާރިވެރިޔާކަމުގައި ވުމުން އޭނާގެ މައްޗަށް ވަނީ އެކި ފަހަރުމަތިން ނުފޫޒުގެ ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތު ކޮށްފައެެވެ. އެގޮތުން ސެމްސަންގް ކުންފުނީގެ ނުފޫޒު ބޮޑުކުރުމަށް ދެކުނު ކޮރެއާގެ ކުރީގެ ރައީސް ރޯ ޓައެ ވޫއަށް ރިޝްވަތު ދިންކަމަށްވެސް ލީ ކުން ހީގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ.

2008 ވަނަ އަހަރު ޓެކްސްއަށް އޮޅުވާލިކަމަށް ސާބިތުވިނަމަވެސް، ރިޔާސީ މާފު ލިބުމާއި ގުޅިގެން ލީ ކުން ހީ ޖަލަށް ގޮސްފައެއް ނުވެއެވެ. އަދި 2018 ވަނަ އަހަރު ލީ ކުން ހީ ވަނީ އަނބުރާ ސެމްސަންގެ ޗެއަރމަންކަމާއި ހަވާލުވެފައެވެ.