ޚަބަރު

މަސްތުވާތަކެއްޗާއެކު ދެ އަތޮޅަކުން 3 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އއ.ރަސްދޫގެ އިތުރުން ރ.ދުވާފަރުގައެވެ. އއ.ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 23 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ރ.ދުވާފަރުގައި މިމަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 18 އަހަރާއި، 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.