ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.
އެ މަޤާމަށް ޖަމީލާ އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަމީލާ އަކީ ޚާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.