ކުޅިވަރު

ސިޓީއަށް މިވަގަތު އޮތް އެންމެ ބޮޑުހުރަހަކީ އަނިޔާގެ މައްސަލަ : ގާޑިޔޯލާ



އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީއަށް މިވަގުތުއޮތް އެންމެ ބޮޑުހުރަހަކީ އަނިޔާގެ މައްސަލަކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

އިނގިރޭސި ލީގުގައި ވެސްޓްހޭމް އާއި ވާދަކޮށް 1-1 ލަނޑުން އެއްވަރުވި މެޗަށްފަހު ވާހަދައްކަމުން ގާޑިޔޯލާ ބުނީ މެޗު ފަށައިގެން އެޓީމުން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި ފުރަތަމަ ހާފްގެ ފަހު ފަނަރަމިނެޓުގައި އެޓީމުން ސަމާލުކަންދިންލެއް ކުޑަކަމަށެވެ. މެޗުން މޮޅުވާން ފުރުސަތުވެސް ލިބުނުކަމަށާއި އެކަމަކު އެންމެ އެދޭވޭގޮތަކަށް އެ ފުރުސަތުގެ ބޭނުން ނުހިފުނުކަމަށް ގާޑިޔޯލާ ބުންޏެއެވެ. އޭނާ ބުނީ މިހާތަނަށް ލީގުގައި ސިޓީން ހަތްޕޮއިންޓް ގެއްލުވައިލައިފި ކަމަށާއި އެއީ ވަރަށް ބައިވަރު އަދަދެއްކަމަށެވެ.

ގާޑިޔޯލާ ބުނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ސީޓީއަށް އަދިވެސް މިދަނީ ވަރަށް ހާލުގައިކަމަށެވެ. މިހާރުވެސް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އަނިޔާގެ މައްސަލަކަމަށް ގާޑިޔޯލާ ބުނިއެވެ. ގާޑިޔޯލާ ބުނީ މިވަގުތު ސިޓީއަށް މުހިންމުވަނީ އަބަދުވެސް ކުރިޔަށް އޮތް މެޗަށް އެކަނިކަމަށާއި މިއީ ހުރިހާ ގޮތަކުންވެސް އުނދަގޫ ހާލަތެއްކަމަށެވެ. މި ނަތީޖާއެކު 8 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ 12 ވަނައިގައެވެ.