ޚަބަރު

ހުޅުމާލޭ ސަފާރީގައި ހިނގީ ރޭޕަކަށް ވުރެ މާ ކުޑަކަމެއް: ހޯމް މިނިސްޓަރ


ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ވާހަކަ ދެކެވެމުން އަންނީ ކަން ހިނގި ގޮތަށްވުރެ ބޮޑުކޮށްގެންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އެހުންތެރިއަކު ވަނީ އެމައްސަލާގައި ޕްރޮސީޖާއިން ބޭރުން އެއްވެސް ކަމެއް ހިނގާފައިވޭތޯ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އެމައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށެވެ. އަދި އެއީ ރޭޕްކުރުމެއް ނޫންކަމަށާއި، އެކަމުގައި މީޑިއާ އާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.

"އެންމެ ފުރަތަމަ އޭނާ ދޫކޮށްލުމުގައި އެބަހުރި ބައެއް ކަންކަން ޕްރޮސީޖާއިން ބޭރުން ހިނގާފައި. ހަމަ ތެދެއްމިއީ އަޅުގަނޑުވެސް އެވާހަކަ ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ހަމަ ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ މިއޮތީ. އެކަމު އެމައްސަލަ ގޮސް ރަނގަޅަށް ކައިރިން ބަލާލީމަ މިކަހަލަ ތާކު އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެންނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަވެސް ހުރަފަވެސް ބައެއްގެ ތެރޭގަވެސް ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިމައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއިމެދު ފުލުހުން ފުރަތަމަ އަމަލުކުރި ގޮތުގައި އުސޫލާއި ޚިލާފް ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ.

"އެމައްސަލާ އާންމުގެ ތެރޭގަ ދެކެވޭކަހަލަ ރޭޕް، ބޮޑު ރޭޕް ކޭސްއެއް ނެތް. މިއީ ހަގީގަތަކީ." މިނިސްޓަރ އިމްރާން ތަކުރާރުކޮށް ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށް ފުލުހުންވެސް ކުރިން ވަނީ ވިދާޅުވެފައި ވެއެވެ. ފުލުހުން ވިދާޅުވީ ޖޫން މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި އުމުރުން 27 އަހަރުގެ ކެންޔާ އަންހެން މީހާ އާއި އިތުރު ދެފިރިހެނަކު ހުޅުމާލެ ލަކުޑި ޖެޓީކައިރިން ފުލުހުންނަށް ފެނުމުން ސުވާލުކުރުމުން އެ އަންހެންމީހާ އެންމެ ފުރަތަމަ މަޢުލޫމާތު ދިނީ ފޯނު ނުފެނިގެން އުޅޭކަމަށް ކަމަށެވެ. ނަމަވެސް އިތުރަށް އެއަންހެންމީހާ އާއި ސުވާލުކުރުމުން ސަފާރީގައި އޮތް ޕާޓީއަކަށް ދިޔަކަމަށް ބުނިކަމަށާއި، ފިރިހެނަކު އޭނާގެ ނުރުހުމުގައި ގައިގައި އަތްލާ ހެދުމުން އިތުރު ބައެއްގެ ފަރާތުން އަނިޔާ ލިބިދާނެތީ މޫދަށް ފުންމާލިކަމަށް ބުނި ކަމަށެވެ. އަދި އޭނާ މޫދުގައި އޮއްވާ ޑިންގީއެއްގައި ދެ ފިރިހެނަކު އައިސް އޭނާ މޫދުން ނެގިކަމަށް އޭނަ ބުނެފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާއި، 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެސަރަޙައްދުން އެ އަންހެންމީހާގެ ފޯނު ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް 39 އަހަރުގެ ދިވެހި ދެފިރިހެނުން ގެންދިޔުމަށް ފަހުގައި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.