ޚަބަރު

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު ބާރު ދުވެލީގައި ކުރިއަށް!


ހދ.ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ މީގެ 7 އަހަރުކުރިންް 2013ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މިހާތަނަށްވެސް ތާރު މަގުގައި ދުއްވާލުމުގެ އުފާ އެރަށު ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ދިގުމުއްދަތަކަށް މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުމް އެމްޓީސީއާއި މަޝްރޫއު ހަވާލު ކުރި ފަހު އެމަސައްކަތް ބާރު ދުވެލީގައި ކުރިޔަށް ދާއިރު، މިހާރު ތައްޔާރުވަމުން ދަނީ މަގުތަކުގައި ތާރު އެޅުމަށެވެ.

ހދ.ހަނިމާދޫ އަކީ އެކި ގޮތްގޮތުން އުތުރުގެ ތަރައްޤީގައި މުހިންމު ރަށެކެވެ. އިންޓަރނޭޝަން އެއަރޕޯޓުގެ ޚިދުމަތާއި، ވިޔަފާރިއަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެރަށަށް އައިސް ގޮސްވެއެވެ. އިތުރު ދެރަށެއްގެ މީހުންވެސް އާބާދުކޮށްފައިވާ ހަނިމާދޫއަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.

ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމި ޚިދުމަތްދޭން ފަށާފައިވާއިރު ރަށުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދޭނެ ދުވަހެކެވެ. ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެރަށުގައި ފެށީ މީގެ އަށްވަރަކަށް އަހަރު ކުރިން 2013ވަނަ އަހަރުއެވެ. ނަމަވެސް މިމަސައްކަތް ހުއްޓި ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.

މަގުތަކުގެ އަޑިގުޑަންކަމާއި، ވިއްސާރަދުވަސްވަރު ރަށުގެ މަގުތައް ކިސަޑު އުފެދުމުގެ ދަތިކަން ވަރަށް ބޮޑަށް ރައްޔިތުންނަށް ކުރިމަތިވެއެވެ.

މަސައްކަތްތައް ކުރިއަށް ނުގެންދެވި ދިގު މުއްދަތަކަށްފަހު، މިހާރު މިވަނީ ރަށުގެ މަގުތައް އަލުން ހަދަން ފަށާފައެވެ. ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ މަގުތަކުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށޭނެ ދުވަހަކެވެ.

"8 އަހަރު މިވީ މަގުތައް ހެދުމުގެ މަސައްކަތް ކުރާތާ. ހުއްޓުންތަކަށްފަހު މިހާރު ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދޭ. މަގުތައް ހެދުމުގައި އާއްމު ޚިދުމަތްތައް ހޯދާ އިދާރާތަށް މިހުރި މަގުތަކަށް އިސްކަންދީފައިވާނީ. މުއްސަސާތަކާއި، މިސްކިތާއި، ދަނޑުތަކަށް ފަސޭހައިން ދެވޭނެ." ކައުންސިލްގެ ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ފަހުން، ތާރުއަޅައިގެން ހަނިމާދޫ މަގުތައް ޒަމަނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވަނީ ހަނިމާދުއަށް ޒިޔާރަތްކުރައްވާފައެވެ. މަގު ހެދުމުގެ މަސައްކަތްތައް ކުރިއަދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، މަސައްކަތާއި ހަވާލުވިއިރު، ކުރިން މަގުހަދަން ކޮށްފައިވާ މަސައްކަތުގައި ބޮޑެތި މައްސަލަތައް ހުރިކަމަށެވެ. ނަމަވެސް އެކަންކަން ޙައްލުކޮށް މިހާރު ބާރު ދުވެލީގައި މަސައްކަތްތައް ދަނީ ކުރިއަށް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން މަގު ލެވެލް ކުރުމާއި، ޕޭމަންޓްގެ މަސައްކަތް ނިންމައި، މިހާރު ތައްޔަރުވަމުން ދަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށެވެ. އެ މަސައްކަތަށް ބޭނުންވާ ހިލަ ވަނީ މިހާރު ހަނިމާދޫއަށް ގެންގޮސްފައެވެ.
ހަނިމާދޫގައި ތާރު އަޅައިގެން 21 މަގެއް ތަރައްޤީކުރެއެވެ.

"ލެވަލްކޮށް ނިމި ތާރު އެޅުމުގެ މަސައްކަތަށް ތައްޔާރުވަމުން މިދަނީ. ނޮވެމްބަރ/ޑިސެމްބަރުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނަން." ޢާދަމް އާޒިމް ވިދާޅުވިއެވެ.

ހަނިމަދޫގެ މަގު ހަދަނީ ފެން ހިންދާ ނިޒާމާއިއެކުއެވެ. މަގުހެދުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތްވަނީ މިހާރު ނިމިފައެވެ. މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހާއި އާއި ހަމައަށް ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.