ޚަބަރު

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19އަށް ފަރުވާދޭ ސެންޓަރުގެ ޚިދުމަތް އަލުންފަށައިފި


ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ޤާއިމްކޮށްފައިވާ ސެންޓަރުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުންފަށައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ މަތިން ކޯވިޑް-19 އިން ރައްކާތެރިވުމުގެ މަސައްކަތްތައް ކުޅުދުއްފުށީގައި އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ފަރުވާދޭ ސެންޓަރުގެ މަސައްކަތް ކައުންސިލްގައި އަލުންފަށައި މަަސައްކަތްތައް އިތުރަށް ފުޅާކޮށްފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީގައި އޮތް ލޯކަލް ޓްރާންސްމިޝަން ކޮންޓްރޯލް ކުރުމަށް ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް އެ ރަށުގައި ފްލޫ ކްލިނިކެއްވެސް ގާއިމުކުރެވިފައިވާ ކަމަށް ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ. ޑރ ނަޒްލާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުގައި އޮތީ އެރަށުގައި ލޯކަލް ޓްރާންސްމިޝަން އޮތުމާއެކު ބަލި އޮތް މިންވަރު ދެނެގަނެވެންދެން ކަމަށެވެ.

ކޯވިޑް-19ގެ އަލާމާތްތައް ހުރެގެން ކުޅުދުއްފުށިން 59 މީހެއްގެ ސާމްޕަލް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ނަގާފައިވާ ކަމަށާއި ނަމަވެސް އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި ރެންޑަމް ސާމްޕަލްގެ ގޮތުގައި 120 ސާމްޕަލެއް ކުޅުދުއްފުށިން ނަގާފައިވެއެވެ. މިސާމްޕަލްތައް ވެސް ނެެގެޓިވް ކަމަށާއި ރަށުގައި ބަލި އޮތް މިންވަރު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ ސަރަހައްދުގެ މީހުން ޒަރޫރީ ބޭނުންތަކަށް ގިނައަދަދަކަށް ދަތުރުކުރާ ރަށެކެވެ.