ޚަބަރު

ކެލާއިން އަލަށް ފެނުނު މެންގްރޫވްއަށް ދިވެހިން ކިޔަނީ "ކެލަވަކި"


ރާއްޖެއިން އަލަށް ފެނުނު ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބްރްގޭރާ ހެނެސީ" ދިވެހި ނަމެއް ފާސްކޮށްފިއެވެ.

އަލަށް ފެނުނު މެންގްރޫވްގެ މިބާވަތަށް ކިޔާފައިވަނީ "ކެލަވަކި"އެވެ.

އަލަށް ރިކޯޑުކުރެވުނު މެންގްރޫވްގެ މިބާވަތް ފެނުނީ ހއ.ކެލާއިން ކަމަށްވާތީ މިއަށް ނަންދީފައިވަނީ އެރަށާ ގުޅުވައިގެން ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވިދާޅުވެއެވެ. އަދި ނަންދިނުމުގައި މިވާބަތުގެ އެހެނިހެން ގަސްތަކަށް ދީފައިވާ ނަންތަކަށްވެސް ބަލާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ހއ.ކެލާއިން ފެނިފައިވަނީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތި ދިޔުމުގެ ބިރުހީވެފައިވާ މެންގްރޫވް ނުވަތަ ޗަސްފާތަކުން ފެންނަ ބާވަތެކެވެ. މެންގްރޫވްގެ މިބާވަތް ރާއްޖެއިން ފެނިފައިވަނީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް މިއަހަރުގެ މާޗްމަހު ކެލާގެ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސަރވޭއެއްގެ ތެރޭގައި އެރަށުގެ ކުޅީ ސަރަޙައްދުންނެވެ. ކެލާގައި ކުރި މިސާވޭއިން މިބާވަތުގެ 4 ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، މިބާވަތުގެ ފޯދިފައިވާ އެންމެ 200 ގަހެވެ.

ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ.

މިބާވަތުގެ ގަސްތަކުގެ އާބާދީ ދަނީ މަދުވަމުންނެވެ. އެހެންކަމުން ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ.

މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވާ ކަމުގައިވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޝުޖާއު

ތިޔަ ސާވޭކުރި ބަޔަކަށް އަލަށް ފެނުނަސް ތީ އާ ބާވަތެއް ނޫން. ކެނދިކުޅުދޫއާއި ކުޅުދުއްފުށީގައި ވެސް ހުރި. އެޔަށް މާކަނޑުގެ ކިޔަމުން އައީ