ދުނިޔެ

މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހުނު 7ވަނަ ޤައުމަކަށް ފަރަންސޭސިވިލާތް


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު އެއް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. އެއާއެކު ފަރަންސޭސިވިލާތް ވެގެން ގޮސްފައިވަނީ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހުނު ހަތްވަނަ ޤައުމަށެވެ.

ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު މިދިޔަ ބުރާސްފަތި ދުވަހުވަނީ 40،000 ވުރެ މައްޗަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަރަންސޭސިވިލާތުގައި 42،032 މީހުންނަށްވަނީ ބަލިޖެހި، ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު ހުރީ 1،041،075ގައެވެ. 298 މަރާއެކު މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 34،508އަށް އިތުރުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި މިހާތަނަށް 8.4 މިލިއަން މީހުންނަށްވަނީ ބަލި ޖެހިފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި 7.8 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. ދެން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ބުރެޒިލުގައެވެ. އެއީ 5.3 މިލިއަން މީހުންނެވެ.

އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އެހެން ޤައުމުތަކަކީ ރަޝިޔާއާއި އާޖެންޓީނާއާއި ސްޕެއިނެވެ. އެ ތިން ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު މިހާތަނަށް ދެ މިލިއަނަށް އަރައިފައެއް ނުވެއެވެ.

މިދިޔަ މާރިޗު މަހުން ފެށިގެން މެއި މަހާއި ހަމައަށް ފަރަންސޭސިވިލާތްވަނީ ފުރަބަންދުކޮށްފައެވެ. އެ ދުވަސްވަރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ. އެދުވަހު 7،578 މީހުންނަށް ބަލި ޖެހިފައިވެއެވެ. ނަމަވެސް އޭރު ތަހުލީލުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އެންމެ މަތީ ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ޑޮކްޓަރުން ޤަބޫލުކުރެއެވެ.

ފަރަންސޭސިވިލާތުގައި ހަސްފަތާލުގައި އެނދުމަތިކޮށްގެން ކޯވިޑަށް ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެކަނި 976 މީހުންވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އެއީ މިދިޔަ އެޕްރިލް މަހުގެ ކުރީ ކޮޅުން ފަށައިގެން އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކުރި ދުވަހެވެ.

އޭގެ އިތުރުން އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ ޖުމްލަ ޢަދަދުވެސްވަނީ 2،441އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 122 މީހުންވަނީ ޙާލުދެރަވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވިދާޅުވީ އެ ޤައުމުގެ ސަރަޙައްދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި މިވަގުތު ޢަމަލުކުރަމުންދާ ކާފިއުގެ އުސޫލުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެކަމަށެވެ. ކުރިއަށް އޮތްތަނުގައި ހެޔޮ ބަދަލެއް ނައިސްފިނަމަ އެގޮތަށް ޢަމަލުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުއެވެ.

އަންނަ ހޫނު މޫސުމާއި ހަމައަށް ބައްޔާއެކު އުޅެން ޖެހިދާނެކަމަށާއި ބަލިޖެހޭ މީހުންގެ ޢަދަދު 3000އާއި 5000އާ ދެމެދުގެ ޢަދަދަކަށް މަދުވެއްޖެނަމަ ކާފިއުގެ އުސޫލުތަކަށް ލުއިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ ފަހުން އެ ޢަދަދަށް ހުރީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ.