ދުނިޔޭގެ ވިޔަފާރި

ޖަޕާނާއި އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކޮށްފި


ޖަޕާނާއި އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތުން ޖަޕާނާއެކު ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާއިރު، އިނގިރޭސިވިލާތުން ދަނީ އީޔޫއިން ވަކިވުމަށްފަހު ބޮޑެތި އިޤްތިޞާދުތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.

އިނގިރޭސިވިލާތާއި ޖަޕަނާ ދެމެދު ޤާއިމްކުރި ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އިންޓަނޭޝަނަލް ޓްރޭޑް ސެކްރެޓަރީ ލިޒް ޓްރުޒްއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޓޮޝިމިޓްސޫ މޮޓެގީއެވެ.

މިއެއްބަސްވުމުގެ ދަށުން އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ ބައެއް ބާވަތުގެ މުދަލުން ނަގާ ޑިއުޓީ ކުޑަވެގެންދާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި 19 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނޭކަމަށް ދެ ޤައުމުން ބުނެއެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ޖަޕާނުގައި ވިޔަފާރިކުރުމަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ޖަޕާނާއި އިނގިރޭސިވިލާތުން ސޮއިކޮށްފައިވާއިރު، މިއެއްބަސްވުމަށް އަންނަ އަހަރުން ފެށިގެން އަމަލުކުރަން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އޭގެ ކުރިން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ.