ދުނިޔެ

ފަރަންސޭސިވިލާތާއި ގްރީސްގައި ކާފިއު ހަރުކަށި ކުރަނީ


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގައި ޤާއިމުކޮށްފައިވާ ކާފިއުގެ ފިޔަވަޅުތައް އިތުރު ސަރަޙައްދުތަކަށް ފުޅާކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ފަރަންސޭސިވިލާތުގައި މިހާތަނަށް 999،000 މީހުންނަށް ކޯވިޑް-19 ޖެހި 34،210 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 20،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ޖީން ކަސްޓެކްސް ވިދާޅުވީ ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ ދެވަނަ ރާޅެއް ފެތުރެމުންދާކަމަށާއި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 41،622 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެހެންކަމުން ރޭގަނޑު 9 އަކުން ހެނދުނު 6 އަކަށް ހިންގާފައިވާ ކާފިއު ތަންފީޒުކުރާ ސަރަޙައްދުތައް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ހުކުރު ދުވަހުގެ މެންދަމު 12 އިން ފެށިގެން ފަރަންސޭސިވިލާތުގެ އާބާދީގެ ތެރެއިން 46 މިލިއަން މީހުން ކާފިއުގެ އުސޫލުތަކަށް ތަބައުވާންޖެހޭނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ކަސްޓެކްސް ވިދާޅުވީ ކުރިއަށްއޮތް ހަފުތާތަކަކީ އުނދަގޫ ހަފުތާތަކެއް ކަމުގައި ވާނެކަމަށާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށެވެ. ފާއިތިވި 24 ގަޑިއިރުގެ ތެރޭގައި 162 މީހުން އެ ޤައުމުގައި މަރުވެފައިވާކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމުގައި ނާކާމިޔާބުވެއްޖެ ނަމަ އޭގެ ހިތި ނަތީޖާ އާއި ކުރިމަތިލާން ޖެހޭނެކަމަށާއި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރަންޖެހޭކަމަށެވެ. އެފަދަ ޙާލަތަކަށް ތައްޔާރުވުމަށް އަދިވެސް ވަގުތު އެބައޮތްކަމަށާއި ނަމަވެސް އެއީ މާ ގިނަ ވަގުތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ނިންމުން އިޢުލާނުކުރައްވާފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިސް ސަރަޙައްދާއި އިތުރު އަށް ސީޓީއެއްގައި ކާފިއު ހިންގިތާ ހަފުތާއެއްވެސް ނުވަނީސްއެވެ. އެ ސަރަޙައްދުތަކުގެ އިތުރުން އިތުރު 38 އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓެއްގައި އެ ފިޔަވަޅުތައް އަޅައި ހަ ހަފުތާގެ މުއްދަތަށް ދަމަހައްޓާނެއެވެ. ކާފިއުގެ އުސޫލުތަކުގެ ސަބަބުން ބައެއް ރެސްޓޯރަންޓުތަކާއި ކެފޭތަކުގެ ވެރިންދަނީ ޝަކުވާކުރަމުންނެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންވަނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބާރުބޮޑުވިޔަ ނުދިނުމަށް އެއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން ގްރީސްގެ ޙާލަތު ގޯސްވެ އެ ޤައުމުގެ ކާފިއުގެ އުސޫލުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެ ޤައުމުގެ ބޮޑުވަޒީރު ކީރިއަސް މިޓްސޯޓަކިސްވަނީ އެތެންސް ހިމެނޭގޮތަށް އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާނުކުރާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން ދަންވަރު 12.30 އާއި ފަތިހު 5 ޖެހުމާއި ދެމެދު ބޭރު ތެރެއަށް ނުކުމެ އުޅުން ޢާންމުންނަށް މަނާވާނެކަމަށެވެ. އެ ފިޔަވަޅުތަކުގެ މަގުސަދަކީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރުތެރޭ އެއްވެ އުޅުން މަދުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ފިޔަވަޅުތަކާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ގްރީސްގައި މިހާތަނަށް 28،216 މީހުންނަށް ކޯވިޑް-19 ޖެހި 549 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 882 މީހުންނަށް ބަލިޖެހި 15 މީހުންވަނީ މަރުވެފައެވެ.