މުނިފޫހިފިލުވުން

"ޤައުމުގެ ދުލުން" މި ނަމުގައި ޤައުމީ ލަވަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަނީ


"ޤައުމުގެ ދުލުން" މި ނަމުގައި ޤައުމީ ލަވަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމް.އެމް.އޭ.ސީ)އިން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ މިލަވަ މުބާރާތަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަރވަމަންޓާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ.

6 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ލަވަ މުބާރާތުގެ މަޤްޞަދަކީ ޤައުމީ ޝިއާރު ފާޅުކުރުމާއި، ޤައުމިއްޔަތުގެ އިޙްސާސްކޮށްދޭ ލަވަތަކެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުންކަމަށް އެމް.އެމް.އޭ.ސީން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރު ފުރާތަކަކީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ފަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި، 18 އަހަރާއި 35 އަހަރާއި ދެމެދެވެ.

އެމް.އެމް.އޭ.ސީގެ ޗެއަރމަން ޢަލީ ޢަބްދުލް ކަރީމް ވިދާޅުވީ، މި މުބާރާތް ވެގެންދާނީ ބެލުންތެރިންނަށް ވަރަށް ޝަޢުގުވެރި ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާޙައުލެއްގައި އުމުރު ފުރާތަކުގެ މެދުގައި ވާދަކުރެވޭގޮތަށް ބާއްވާ މުބާރާތެއްކަމަށެވެ. އަދި މިއީ ޤައުމީ ޖޯޝާއި، ރޫޙު އާލާކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރެއްކަމަށާއި، މި މުބާރާތުގެ ކޮންމެ ލަވައެއްވެސް ޝަރަހަކުރެވި މާނައާއި މެސެޖުން ޤައުމީ ޖޯޝާއި ރޫޙު އާލާވެގެންދިއުމަކީ އުއްމީދެއްކަމަށް ކަރީމް ވިދާޅުވިއެވެ.

"ލަވަ ވާންޖެހޭނީ މި މަޤްޞަދުގައި މި މުބާރާތަށް ޚާއްސަކޮށްގެން ހަދާފައިވާ ލަވައަކަށް. ކޮންމެ ލަވައަކުންވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދޭ ފަހި މެސެޖުތަކެއް ދެވިގެންދާންޖެހޭނެ. މުބާރާތުގެ މައިގަނޑު މަޢުޞޫއާ ތަޢާރަފުވާ އެއްވެސް ކަމެއް ނުހިމެނޭނެ. ކޮންމެ ލަވައެއްގެވެސް ކިޔުމުގެ ކުރިން އެ ލަވައެއްގެ ޅެން އަޅުގަނޑުމެން ކަނޑައަޅާފައިވާ ފަނޑިޔާރުން ފާސްކުރާނެ" ކަރީމް ވިދާޅުވިއެވެ.

މި މުބާރާތުގައި އަތޮޅުތަކުގެ ބައިވެރިވުން ހިމެނުމަށްޓަކާ ރަށްރަށުންވެސް ބައިވެރިވުމުގެ ފުރުޞަތު އެމް.އެމް.އޭ.ސީން ވަނީ ހުޅުވާލާފައެވެ. ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން ދަތުރުކުރުމުގެ ދަތިކަން ހުރުމާއެކު ރަށްރަށުން ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ވަރޗުއަލްކޮށް ލަވަ ބައިވެރިކުރެވޭނެކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. އެގޮތުން ރަށްރަށުން އޮޑިޝަނަށް ފޮނުވާ ކްލިޕްތަކުގެ ދިގުމިނުގައި އެއް މިނެޓާއި ތިރީސް ސިކުންތު ހުންނަންޖެހޭނެކަމަށާއި، މި ކްލިޕްތަކުގެ ބޭނުމަކީ ފެންވަރު ވަޒަންކުރުންކަމަށްވެސް އެމް.އެމް.އޭ.ސީ ބުނެފައިވެއެވެ. އެ ސެންޓަރުން ބުނީ މިހާރުވެސް ބައެއް ރަށްރަށުން ކްލިޕްތައް ލިބިފައިވާކަމަށެވެ. އަދި ކްލިޕްތައް ފޮނުވަން ބޭނުންވާ ފަރާތްތަކުން 7993892 ނަންބަރަށް ޓެލްގްރާމް ނުވަތަ ވަޓްސްއެޕްއިން ކްލިޕްތައް ފޮނުވޭނެކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

އެމް.އެމް.އޭ.ސީން ބުނީ މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ ހޮވުމުގެ އިތުރުން ޖޫނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3 ވަނަ، ސީނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3، މުޅި މުބާރާތުގެ 1،2،3 ވަނަ ކަމަށެވެ. އަދި މުޅި މުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ފަރާތެއް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުން ހޮވުމާއި، ޅެންވެރިކަމުގެ ގޮތުންވެސް މުޅި މުބާރާތުން 1،2،3 ވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.

ލަވަ ދަސްކޮށްދިނުމުގައާއި، ލަވައިގެ ވީޑިއޯ ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއީ މެދުކެނޑިފައިވާ ޤައުމީ ލަވަ މުބާރާތް ބާއްވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށާއި މިފަދަ މުބާރާތެއްގައި ބައިވެރިވާ ހިތްވެފައި ތިބި އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ މުބާަރާތެއްކަމަށާއި، މުބާރާތާގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް އެ ސެންޓަރުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކުރިއަށްއޮތްތާނގައި އާއްމުކުރަމުންދާނެކަމަށްވެސް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ވަނީ ބުނެފައެވެ.