ރިޕޯޓް

ޒުވާނުން މުޖުތަމައަށް ނަމޫނާ ދެއްކުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އުފެއްދުންތެރި މަސައްކަތްތެރި ބަޔަކަށްވުމަށާއި، މުޖުތަމައަށް ރީތި މިސާލު ދައްކާ ބަޔަކަށް ޒުވާނުން ވުމަށް ރަައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ ނެޝެނަލް އާރޓް ގެލަރީގައި ކުރިއަށްދާ "އަންވެއިލިންގ ވިޝަން 2020" އާރޓް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ޤައުމެއް ކުރިއަރައި ދާނީ ފަންނުވެރި ހުނަރުވެރި ޒުވާނުންތަކެއް އެ ޤައުމެއްގައި އުފެދިގެންކަމަށެވެ. އަދި ޒުވާނުންނަކީ ތަޢުލީމީ ޤާބިލު ބަޔަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށާއި، އެހެންނަމަވެސް ލިބޭ ސަނަދަކުން ހަމައެކަނި ފުއްދާލެވެން މިއަދު ނެތްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ޒުވާން އުމުރަކީ ކަންކަން ދަސްކުރަން ލިބޭ ރަނުގެ ފުރުޞަތެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މުޖުތަމައަށް ރީތި މިސާލު ދެއްކުމަށް ހުރިހާ ޒުވާނުންނަށް ގޮވާލައްވާފައެވެ.

"ޤައުމައިގެން ކުރިއަށްދިއުމުގައި ރަނގަޅު ދިރިއުޅުމެއް ޤާއިމުކުރުމަށް ކޮންމެ މީހަކީވެސް އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވާންޖެހޭ. އަވަހަށް ނިދާ، އަވަހަށް ހޭލާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށް ވާންޖެހޭ. މުޖުތަމަޢު ތެރޭގައި ގިނަ މައްސަލަތަކެއް އެބަހުރި. މިކަން ހައްލުކުރުމުގައި ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ހަމައެކަނި ވާހަކަދައްކާލުމަށްވުރެ، އެކަމުގެ ތެރެއަށް ވަދެ، ފަރުދީ ޒިންމާ އަދާކޮށްގެން ކުރެވޭނެ ކަންކަން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވީ، ކުޅިވަރުގެ ކަންކަމާ އެއްވަރަށް އެކިކަހަލަ ހުނަރުތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްވެސް އެ މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ފަންނާނުން ކުރިއެރުވުމަށް މިނިސްްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރައްވާ މަސައްކަތްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަމާއި ބައިވެރިވުން ފުރިހަމައަށް ދެއްވާނެކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

"އެއްވެސް ޒުވާނަކު އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި ހަމައެކަނި ކުޅިވަރޭ އަޅުގަނޑުމެން ކުރިއަރުވަނީ. އަޅުގަނޑުމެން މި އަޅާ އާދައިގެ ފުޓްސެލް ދަނޑަކަށްވެސް 1.2 މިލިއަން ރުފިޔާ ޚަރަދުވޭ. އޭގެން ކިތައް އެގްޒިބިޝަންތޯ ބޭއްވޭނީ. އެހެންވީމަ އަޅުގަނޑުމެންނާއި ހިސާބަށް އައިމައި އެ އެހީތެރިކަން ފޯރުކޮށްދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދޭން ބޭނުން" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

"އަންވެއިލިންގ ވިޝަން 2020" އާޓް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އެމް.އޭ.ސީގެ ރަސްމީ ވެބްސައިޓް ވަނީ އިފްތިތާޙްކޮށްފައެވެ. އަދި އެމް.އޭ.ސީން ހޮވާ "މޯސްޓް ވައިބްރެންޓް އާޓިސްޓް އޮފް ދަ އިޔަރ 2020" އެވޯޑް ލިބުނު އާޓިސްޓުން ވަނީ އިޢުލާންކޮށްފައެވެ. މި އެވޯޑް ޙާޞިލުކުރި އާޓިސްޓުންނަށް ހަނދާނީ ފިލާއާއި، ސެޓިފިކެޓް އަދި ޔޫތު މިނިސްޓްރީން ހުށަހަޅާފައިވާ ފައިސާގެ އިނާމް ޙަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

"މޯސްޓް ވައިބްރެންޓް އާޓިސްޓް އޮފް ދަ އިޔަރ 2020" އެވޯޑް ލިބުނު ފަރާތްތަކަކީ:

  • ޑްރޯވިންގ ކެޓެގަރީން - އީމާ ޝަރީފް
  • ޕެއިންޓިންގ ކެޓެގަރީން - އައިޝަތު ސަޖިއާން ޢަބްދުލްސައްތާރު
  • ޑިޖިޓަލް އާޓް ކެޓެގަރީން – މުޙައްމަދު ގައިހަލް
  • މިކްސް މީޑިއާ ކެޓެގަރީން – ލުޖެއިން ޢަލީ ވަހީދު

"އަންވެއިލިންގ ވިޝަން" އާޓް އެގްޒިބިޝަނަކީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮންޓެމްޕަރަރީ އަރޓް އެގްޒިބިޝަނެކެވެ. މިއީ ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް، އެންމެ ގިނަ އާޓިސްޓުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބާއްވާ ހަރަކާތެވެ. މިއީ މިގޮތުން ބާއްވާ 5 ވަނަ އެގްޒިބިޝަނެވެ. މިއަހަރުގެ އެގްޒިބިޝަންގައި 5 ކެޓަގަރީއަކުން 50 އަށްވުރެ ގިނަ އާޓިސްޓުން ވަނީ ބައިވެރިވެ، އެމީހުންގެ ހުނަރުތައް ދައްކާލާފައެވެ.

ކޯވިޑް-19ގެ ޙަލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ ފުރަތަމަ އެގްޒިބިޝަނެވެ. މިފަހަރުގެ އެގްޒިބިޝަނަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އެއްވެސް ފީއަކާއި ނުލައެވެ. އެގޮތުން މިމަހުގެ 23 އިން 29 އަށް، ކޮންމެ ދުވަހަކު ހެދުނު 10:00 އިން ރޭގަނޑު 21:30 އަށް މި އެގްޒިބިޝަންގެ ކުރެހުންތައް އާއްމުންނަށް ދައްކާލުން އޮންނާނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ވަނީ ވިދާޅުވެފައެވެ.