ޚަބަރު

އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ހަޔަރއެޑިއުކޭޝަން މިނިސްޓްރީ ނިންމަވައިފި


އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ނިންމަވައިފިވެ.

އެމިނިސްޓްރީން އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ނިންމެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހާއި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، މިމުއްދަތުގައިވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

އެއެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ޚަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނެއެވެ. އެހެންކަމުން އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، އެއެކަޑަމީގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މިމިނިސްޓްރީއަށް ހުށަހަޅާ އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އެއެކަޑަމީއަށްވަނީ އަންގާފައެވެ.

އެއެކަޑަމީއިން ހުށަހަޅާ ޕްލޭން ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް އެއެކަޑަމީއަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށާއި، ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ
ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށްވެސް ވާނީ އަންގާފައެވެ. އަދި އެއެކަޑަމީއިން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، މިކަމަކީ މަނިޓަރީ ގަވާއިދާއި ޚިލާފުކަމަށްވާތީ، މިކަން ނުކުރުމަށްވެސް އެފަރާތަށްވާނީ އަންގާފައެވެ. އަދި ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށްވެސް އެއެކަޑަމީއަށްވަނީ އަންގާފައެވެ.

މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް ފްލައިން ސްކޫލާއި މެދު އަޅަން ނިންމާފައިމިވަނީ، އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސްތައް ނުނިމި ދިގުލައިގެން ދިއުމާއި އެކު، ކޯސް ނިންމޭނެ ތާރީޚެއް ދަރިވަރުންނަށް ބުނެ ނުދެވޭ ކަމަށް ބުނެ އެދަރިވަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިކަންކަން ދަރިވަރުންވަނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ވެސް ހުށައަޅާފައެވެ.

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.