ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ މިމަހުގެ ނިޔަލަށް ނިންމަން ކޮމިޓީން ފާސްކޮށްފި


ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ނިންމުމާއި ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ޖުޑީޝަލް ކޮމިޓީން ފާސްކޮށްފިއެވެ. ޖުޑީޝަރީ ކޮމިޓީން މިމައްސަލަ ނިންމުމަށް ކަނޑައަޅާފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެ މައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމާފައެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ކުރެވުނު ތަޚުޤީގުތަކުގައި ދައުވާ އުފުލޭނެވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައި ވާކަމަށެވެ.

ނަމަވެސް މިމައްސަލައަކީ ފުލުހުންނާއި އޭސީސީން ކުރި ތަޙްޤީގުން މިކަމުގައި ޝާމިލުވާ މީހުން ހޯދިފައިވާ މައްސަލައަކަށްވުމުން މިކަމުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންދެން މަޖިލީހުން މިމަސައްކަތް ކުރަންޖެހޭކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަ އިއްޔެގެ ޖަލްސާގައި ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އިއްޔެ އެކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ލިޔުމުން މަޢުލޫމާތު ހޯއްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށާއި މި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ ދައުވާނުކުރުމަށް ނިންމާފައެވެ.

ސަބަބެއްކަމަށް ޕީޖީ ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތުމުންކަމަށެވެ. އަދި މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.