ޚަބަރު

ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރާނީ ޒުވާނުންގެ ބަސް ހިމަނައިގެން: ރައީސް


ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރާނީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުޞަތުދީ ޒުވާނުންގެ ބަސް ހިމަނައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމު ހެޔޮ މިސްރާބަށް ގެންދިއުމުގައި އެންމެ އިސް ބަޔަކީ ޒުވާނުންކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް މުހިންމުކަމަށެވެ. އަދި އެފުތުޞަތު ޒުވާނުންނަށް ދެއްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް މީގެ ކުރިން ޒުވާނުން ބިނާކުރުމަށް ޚަރަދުކޮށްފައި ނުވާމިންވަރަށް މިސަރުކާރުން މިހާތަނަށްވެސް ޚަރަދުކޮށްފައިވާކަމަށް ޔޫތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ނަތީޖާ ފެންނަކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކަށް ދައުލަތުގެ ބަޖެޓްގައި ބޮޑު ޢަދަދެއް ހިމަނާފައިވެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޒުވާނުންގެ ދުވަސް އަންނަީ ފާހަގަކުރަމުންނެވެ. ނަމަވެސް އޮކްޓޫބަރު 22 ގައި ފާހަގަކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތަށް އޮކްޓޫބަރު 22 ގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މީގެ 12 އަހަރުކުރިން ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގުދިނުމަށާއި، އެކިއެކި މަޤާމުތަކަށް ޒުވާނުންނަށް ކުރިމަތިލުމުގެ ހައްޤުދިނުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރި ދުވަސްކަމަށް ވުމާއެކު، ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެންމެ އެކަށޭނަ ދުވަސްކަމަށް ވަތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.