ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މޮޅާކާއެކު މުބާރާތް ފަށައިފި


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މޮޅާއެކު މުބާރާތް ފަށައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ކިންގްސީލީ ކޯމަން ބަޔާން މިއުނިކަށް ދެ ލަނޑު ޖަހައިދިންއިރު އަނެއް ދެ ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ ލިއޯން ގޯރެޓްޒްކާ އާއި ކޮރެންޓިން ތޮލީސިޔޯއެވެ. މިއީ މުބާރާތުގައި ބަޔާނުން ވިދިވިދިގެން މޮޅުވި 12 ވަނަ މެޗެއެވެ. ބަޔާން މިއުނިކުން ލިޒްބަންގައި އެންމެފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިތާ 59 ދުވަސް ފަހުން ކުޅުނު މި މެޗުގައި އެތުލެޓިކޯ މެޑްރިޑަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ބަޔާނުން ވަނީ މިއަހަރު ކުޅުނު ހުރިހާ މުބާރާތަކުން 33 މެޗުގެ ތެރެއިން 31 މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުޓްބޯޅާ މުބާރާތުގައި ކުލަބުގެ ރެކޯޑް އަދަދެއް ކަމަށްވާ 43 ލަނޑު ޖަހާފައެވެ.