ދުނިޔެ

އެސްޓްރެޒެނެކާގެ ވެކްސިން ތަހުލީލުގައި ބައިވެރިވި މީހަކު މަރުވެއްޖެ


އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރެޒެނެކާ ކުންފުނިން ތައްޔާރުކުރަމުންދާ ކޯވިޑް-19 ވެކްސިންގެ ތަހުލީލުގެ ބައިވެރިއަކު މަރުވެފައިވާކަމަށް ބުރެޒިލިގެ ޞިއްޙީ އިދާރާ، އެންވިސާއިން ބުނެފިއެވެ.

ޞިއްޙަތާއި ބެހޭ އިދާރާއިން ބުނީ އަމިއްލަ އިޚުތިޔާރުގައި އެސްޓްރެޒެނަކާ ވެކްސިންގެ ތަހުލީލުގައި ބައިވެރިވި މީހަކު މަރުވެފައިވާކަމަށް އެ އިދާރާއަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ތަހުލީލުތައް ހުއްޓާލުމަށް ނިންމާފައި ނުވާކަމަށް އެ އިދާރާއިން ބުންޏެވެ. މަރުވި މީހާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށްކަމަށް ބުނެ އެކަމާއި ބެހޭ އިތުރު ތަފްޞީލު ހާމަކޮށްފައެއްނުވެއެވެ.

ބުރެޒިލުގައި ކުރަމުންދާ ތިންވަނަ މަރުޚަލާގެ ތަހުލީލުތަކުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފެޑެރަލް ޔުނިވަސިޓީ އޮފް ސައޯ ޕައުލޯއިން ބުނީ މަރުވެފައިވަނީ ބުރެޒިލުގެ ރައްޔިތެއްކަމަށެވެ. ނަމަވެސް އޭނާ ދިރިއުޅުނު ސަރަޙައްދާގުޅޭ އެއްވެސް މަޢުލޫމާތެއް ޙިއްޞާކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން އުފައްދަން މަސައްކަތްކުރަމުންދާ ވެކްސިން ކާމިޔާބުވެއްޖެނަމަ އެ ވެކްސިން ގަނެ ބުރެޒިލުގެ ބަޔޯމެޑިކަލް ސެންޓަރު ފިއޯކުރުޒްގައި އެ ވެކްސިން އުފެއްދުމުގެ މަސައްކަތްކުރުމަށް ބުރެޒިލުގެ މަރުކަޒީ ސަރުކާރުންދަނީ ވިސްނަމުންނެވެ. ނަމަވެސް ތަހުލީލުގައި މީހަކު މަރުވުމުން އެސްޓްރެޒެނެކާ ކުންފުނީގެ ޙިއްސާގެ އަގު ނެގެޓިވް ޢަދަދަކަށް ވެއްޓި ޙިއްޞާގެ އަގުވަނީ 1.7 އިންސައްތަ ދަށަށްގޮސްފައެވެ.

އެމެރިކާއާއި އިންޑިޔާއަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އަދި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައު އޮތީ ބުރެޒިލެވެ. އެ ޤައުމުގައި މިހާތަނަށް 5.3 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 155،459 މީހުންވަނީ މަރުވެފައެވެ.