ޚަބަރު

ބިން ހިއްކުމާއެކު 25 އަހަރަށްފަހު އުކުޅަހުން ގޯތިދޫކުރަން ފަށާނެ


އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އއ.އުކުޅަހުން އެރަށު ރައްޔިތުންނަށް ގޯތި ދޫނުކުރާތާ ގާތްގަނޑަކަށް 25 އަހަރު ވަނީ ވެފައެވެ. މިރަށް މަޝްހޫރުވެފައި ވަނީ، ވޭސްޓް މެނޭޖްމަންޓުގެ ދާއިރާއިންނެވެ.

ރަށުގެ މީހުން އާމްދަނީ ހޯދަނީ މަސްވެރިކަމުންނާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަނާއި އެކިއެކި ދާއިރާއިން ވިޔަފާރިކޮށްގެންނާއި ފަތުރުވެރިކަމުގެ ސިނާޢަތުންވެސް ރަށު ރައްޔިތުން އަންނަނީ ޢާމްދަނީ ހޯދަމުންނެވެ.

ބިމުގެ ބޮޑު މިނުގައި 21.3 ހެކްޓަރު ހުންނަ އުކުޅަހުގެ ބިން މިހާރު ވަނީ ފުރިފައެވެ. ބިން ފުރިފައިވުމުގެ ސަބަބުންނާއި ރައްޔިތުންނަށް ގޯތި ދޫނުކުރުވުމުގެ މައްސަލައަކީ އެ ރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައެވެ. އެއާއެކު ރަށުގައި ވިޔަފާރި ކުރުމަށާއި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އުކުޅަހުގައި މިހާރުވެސް ފަތުރުވެރިންނަށް ޚާއްސަ 650 އެނދު ހުންނަ އިރު އެ ރަށުގައި އަންނަނީ 34 ގެސްޓް ހައުސް ހިންގަމުންނެވެ.

އުކުޅަހުގައި އާބާދީ ބޮޑު ނަމަވެސް ރަށުގައި މީހުން ދިރިއުޅެނީ 258 ގޯއްޗެއްގައެވެ. އަދި މިހާރު ގޯތި ދޫކުރަމުން އަންނަނީ ކުރީގައި ހުރި މުސްކުޅި ގޯތިތަކުންނެވެ. މިގޮތަށް ގޯތި ދޫކުރިނަމަވެސް ބޯހިޔާވަހިކަމަށް ލިބެނީ ކުޑަތަންކޮޅެކެވެ. މިއާއެކު ރައްޔިތުން ދިރިއުޅުމަށްޓަކައި އެކި ގޮތްގޮތުން ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އުކުޅަހަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެރަށުން ބިން ހިއްކުމަށް ސަރުކާރުން ނިންމަވާ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވީ ރަށުން ގޯތި ނުލިބުމުގެ ސަބަބުން ޒުވާން އާއިލާތަކަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަކަމަށެވެ. ރަށުން ގޯތި ނުލިބުމަކީ ރައްޔިތުން އަބަދުވެސް ކުރާ ޝަކުވާއެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބިން ހިއްކުމާއެކު އެ ސަރަޙައްދުން ގޯތި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބިކަމަށެވެ. އަދި މިމަހުގެ ތެރޭ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް އުއްމީދުކުރައްވާކަމަށް ޝައުކަތު ވިދާޅުވިއެވެ.

"ރަށުގެ އުތުރުކޮޅުން ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވަނީ. 12ނުވަތަ 14 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ. ބިން ހިއްކުމާއެކު ރަށުގެ ގޯތި ގެދޮރު ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ. ގޯތި ބޭނުންވާ ގިނަ މީހުންނަށް އެސަރަޙައްދުން ގޯތި ދޫކުރާނެ." އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާޙިމް ވިދާޅުވިއެވެ.

އުކުޅަހަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރަށުން ބިންހިއްކުމަށް ހަމަޖެހިފައިވާއިރު ރަށު ރައްޔިތުން މިހާރުވެސް އަންނަނީ އެކަން ފެށުމުގެ ކުރިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރަމުންނެވެ. ރަށު ރައްޔިތުންގެ އެދުމަކީ ވީ އެންމެ އަވަހަކަށް އެ މަސައްކަތް ފެށުމެވެ.

ބިމުގެ ދަތިކަމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް މައްސަލައެވެ. އާބާދީ އިތުރުވި ނަމަވެސް ބައެއް ރަށްރަށުގައި ރަނގަޅު ބޯހިޔާވަހިކަމެއް ނުވަތަ އަމިއްލަ ގެދޮރު ނެތް މީހުންވެސް އެބަތިއްބެއެވެ. ބައެއްރަށްރަށުގައި ގޯތި ދޫކުރާނެ ބިން ނެތުމުގެ ސަބަބުން އެތައް އާޢިލާއެއް އެއް ގެއެއްގައި ދިރިއުޅެންވެސް ވަނީ ޖެހިފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރުވެސް އެކި ރަށްރަށުގައި ބިންހިއްކުމުގެ މަޝްރޫއުތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.