ވިޔަފާރި

ބީއެމްއެލްއިން ތ. ތިމަރަފުށީގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސް އިން ތ. ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ އެ ބޭންކުން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ތިމަރަފުށީގައި ޤާއިމްކުރި ސެންޓަރެއްކަމަށެވެ. މި ސެލްފް ސަރވިސް ސެންޓަރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރި މި ސެންޓަރގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ހަމައެހެންމެ ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ތިމަރަފުށީގައި ހުޅުވި ބީއެމްއެލްގެ އޭޓިއެމްއާއިއެކު މިހާރު ތ. އަތޮޅުގެ 3 ރަށަކުން އޭޓީއެމްގެ ޙިދުމަތް ލިބޭނެއެވެ. އެއީ ތިމަރަފުއްޓާއި، ގުރައިދޫގެ އިތުރުން ވޭމަންޑޫއެވެ. ބީއެމްއެލްއިން މިހަރުވެސް އަންނަނީ 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 124 އޭޓީއެމްއިން ރައްޔިތުންނަށް ޙިދުމަތްދެމުންނެވެ.