ދުނިޔޭގެ ވިޔަފާރި

ފުރަބަންދަށް ދިން ލުއިތަކާއެކު ނެޓްފްލިކްސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް

ފުރަބަންދަށް ދިން ލުއިތަކާއެކު ނެޓްފްލިކްސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެެވެ.

ނެޓްފްލިކްސްއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާލާއިރު، ނިމުނު ކުއާޓަރުގައި 2.2 މިލިއަން މީހުން ނެޓްފްލިކްސް އެކައުންޓް ހުޅުވާފައިވާއިރު، މިއީ މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އަލަށް ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރި މީހުންގެ އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ނެޓްފްލިިކްސްއަކީ ފައިސާ ދައްކައިގެން އޮންލައިންކޮށް ސީރީސް އަދި ފިލްމްތައް ބަލާލެވޭ އޮންލައިން ޕްލެޓްފޯމެކެވެ. ނެޓްފްލިކްސް ކުންފުނީގެ ނިމުނު ކުއާޓާގެ ތަފްސީލްތައް ހާމަކޮށްފައިވާއިރު، އެ ކުންފުނިން އަންދާޒާ ކުރި ވަރަށްވުރެ ސަބްސްކްރިޕްޝަން ރޭޓް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރުގެ ކުރީކޮޅު ނެޓްފްލިކްސްއިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓާގައި 3.4 މިލިއަން ފަރާތުން ނެޓްފްލިކްސް އެކައުންޓް ހުޅުވާނެކަމަށް އަންދާޒާކޮށްފައެވެ. އެހެންނަމަވެސް، އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދަދު 2.2 މިލިއަންގައި ހުރިއިރު މިއީ އަންދާޒާ ކުރިވަރަށްވުރެ 1.2 މިލިއަން މަދު އަދަދެކެވެ.

ނެޓްފްލިކްސްގެ އައު އެކައުންޓްތަކުގެ އަދަދު މަދުވެފައިވާއިރު، ކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ 6 އިންސައްތަ ދަށަށް ގޮސް 494 ޑޮލަރަށް ދަށްވެފައެވެ. މިއާއެކު ހިއްސާއަކުން ލިބޭ ފައިދާ މީގެ ކުރިން ލަފާކޮށްފައިވާ 2.14 ޑޮލަރުން 1.74 ޑޮލަރަށް ވަނީ ދަށްވެފައެވެ.

ނެޓްފްލިކްސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް ދަށަށް ގޮސްފައި މިވަނީ، ކޯވިޑްގެ ސަބަބުން ކުރިމަތިވި ފުރަބަންދާއެކު މިއަހަރުގެ ފުރަތަމަ 3 މަހު ސަބްސްކްރިޕްޝަން ރޭޓް ވަރަށް މައްޗަށް ގޮސްފައިވަނިކޮށެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަހު އެކުފުނީގެ ސްޓްރީމިންގ ހިދުމަތް ހޯދުމަށް އައު 16 މިލިއަން މީހުން އެކައުންޓް ވަނީ ހުޅުވާފައެވެ. ކޯވިޑް-19އާ ގުޅިގެން ގިނަ ޤައުމުތަކުގައި ކާފިއު އިއުލާންކޮށް، ފުރަބަންދުގެ ހާލަތަށް ގޮސްފައިވާތީ އާންމުން ގޭގައި ތިބެންޖެހުމުން އޮންލައިންކޮށް ފިލްމާއި ސީރީޒް ބެލުމަށް އޮތް ޑީމާންޑު ވަނީ އެތައް ގުނައެއް މައްޗަށް ގޮސްފައެވެ.

ހިދުމަތް ހޯދާ ފަރާތްތައް އެތައް ގުނައެއް އިތުރުވަމުންދާތީ ނެޓްފްލިކްސްއިން ވަނީ އެކުންފުނީގެ އެކިއެކި ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު 2000 މުވައްޒަފުންވެސް ނަގާފައެވެ. ޤައުމުތަކުގެ ސަރުކާރުތަކުން ފުރަބަންދުގެ ހާލަތު އާންމު ހާލަތަށް ބަދަލުކުރާ ހިސާބުން އެކުންފުނީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވާނެކަމަށް ނެޓްފްލިކްސްއިން ވަނީ އިންވެސްޓަރުންނަށް އޭރު އިންޒާރުދީފައެވެ.

ނެޓްފްލިކްސްގެ އިންޒާރާއި އެއްގޮތަށް އެ ކުންފުނީގެ ސަބްސްކްރިޕްޝަން ރޭޓް ދަށަށް ގޮސްފައިވާއިރު، އޮންލައިން ސްޓްރީމްކުރާ ކުންފުނިތަކުގެ އަދަދު އިތުރުވެ ވާދަވެރިކަން އިތުރުވުމަކީ އަންދާޒާއަށްވުރެވެސް ދަށަށް ސަބްސްކްރައިބަރުންގެ އަދަދު ދަށަށް ދިޔަ ސަބަބެއްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބޮޑެތި ފިލްމް ހަދާ ސްޓޫޑިއޯތައްކަމަށްވާ ޑިޒްނީއާއި ވޯނާރ ބްރޯޒް ފަދަ ކުންފުނިތަކުން އޮންލައިން ސްޓްރީމިންގެ ވިޔަފާރި ސީދާގޮތެއްގައި ފެށުމަކީ ކޮންޓެންޓް ލިބުމުގައި ދިމާވާ ދަތިކަމެއްކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.

ނެޓްފްލިކްސްއިން ވަނީ މިއަހަރުގެ 4 ވަނަ ކުއާޓަރގެ އާމްދަނީ އިތުރުކުުރުމަށް ބުރަ މަސައްކަތަކެއް ކުރަންޖެހިފައިވާކަމަށް ބުނެފައެވެ. ނެޓްފްލިކްސްއިން ދަނީ ކަސްޓަމަރުންނަށް އެކުންފުނި މެދުވެރިކޮށް ބެލޭ ފިލްމް އަދި ސީރީޒްގެ ލައިބްރަރީ އިތުރުކުރުމަށް މަަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ އަހަރު އެކި ކުއާޓާތަކަށް ބަހާލައިގެން ނެޓްފްލިކްސްގެ އޮރިޖިނަލް 150 ޕްރޮޑަކްޝަން ނެރުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ 4 ވަނަ ކުއާޓާގައި 6 މިލިއަން ސަބްސްކްރައިބަރުން ހޯދުމަށް ނެޓްފްލިކްސްއިން ވަނީ އަމާޒު ހިފާފައެެވެ.

ނެޓްފްލިކްސްއަކީ އެކުންފުނީގެ އަމިއްލަ ސީރީސް އަދި ފިލްމް އުފެއްދުމުގެ އިތުރުން އެހެން ފަރާތްތަކުން އުފައްދާފައިވާ ފިލްމާއި ސީރީޒްވެސް އެކުންފުނީގެ ޒަރިއްޔާއިން އާންމުންނަށް ފޯރުކޮށްދޭ ކުންފުންޏެކެވެ.