ޚަބަރު

އަރޓް ގެލަރީގައި ހަރަކާތްތައް ބޭއްވުމަށް ހުޅުވާލައިފި


ކޯވިޑް19އާއި ގުޅިގެން އަރޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، އެތަނުގައި ހަރަކާތްތައް ކުރިއަށްގެންދިއުމަށް އަލުން ހުޅުވާލައިފިއެވެ. އަރޓް ގެލަރީ ބަންދުކޮށްފައި ވަނީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ގިނަ މީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްނުގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރުމާއި ގުޅިގެންނެވެ.

ކުރެހުމުގެ މައުރަޒުތަކާއި، އުފެއްދުންތެރިކަމާއި ގުޅޭ މައުރަޒުތަކާއި، އެކްސްޕޯތައް އަރޓް ގެލަރީގައި އަބަދުވެސް ބާއްވަމުން ގެންދެއެވެ. ނޭޝަނަލް ސެންޓަރ ފޯރ ދި އަރޓްސްއިން ވިދާޅުވީ، އައު އާއްމު ޙާލަތުގައި އަމަލުކުރުމަށް އެޗްޕީއޭއިން އެކުލަވާލާ، އާއްމުކޮށްފައިވާ ގައިޑްލައިންއާއި އެއްގޮތަށް ނެޝަނަލް އަރޓް ގެލަރީގައި ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު މިހާރު އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.
އަރޓް ގެލަރީގައި ހަރަކާތްތައް ބޭއްވުމަށް އެދި ހުށައަޅަންޖެހެނީ އެންސީއޭއަށެވެ.

ކޯވިޑްގެ ޙާލަތާއި ގުޅިގެން ބަންދުކުރުމަށްފަހު އަރޓް ގެލަރީ އަލުން ހުޅުވާލާއިރު، އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ "އަންވެއިލިންގ ވިޝަން 2020" އަރޓް އެގްޒިބިޝަނެވެ. މިމަހުގެ 23ވަނަ ދުވަހު ފަށާ މި ހަރަކާތް މިމަހުގެ 29އާއި ހަމައަށް ކުރިއަށްދާނެއެވެ.