ޚަބަރު

ހައުސިންގ ޔުނިޓް ދޫކުރާ އުސޫލަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

އަތޮޅުތަކުގައި ހައުސިންގ ޔުނިޓް ދޫކުރާ އުސޫލާއި އެކި ކެޓަގަރީތަކަށް ފްލެޓްތަކުގެ އަދަދު ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް އާއްމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ. އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ ބ.ތުޅާދޫގައި އަލަށް ހަދާ 100ހައުސިންގ ޔުނިޓް ދޫކުރާ އުސޫލާއި، އަދި އެރަށު 100ހައުސިންގ ޔުނިޓް ދެ ކެޓަގަރީއަށް ބަހާނި އަދަދާއިމެދުއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިކަމަކީ ކަންކަން ލާމަރުޒީކޮށް، ނިންމުންތަކުގައި އާއްމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފެށި މަސައްކަތެއްކަމަށެވެ.

ބ.ތުޅާދޫ ކައުންސިލުން މިހާރުވަނީ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި ޝަރުތުތަކުގެ ޑްރާފްޓް އާއްމުކޮށްފައެވެ. މި ޑްރާފްޓްގައިވަނީ ހައުސިންގ ޔުނިޓްގެ އަގުތަކާއި، ފައިސާ ދައްކާނެ އުސޫލާއި، އަދި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގައި ބަލާ ޝަރުތުތަކާއި ޕޮއިންޓްދޭ އުސޫލުގެ މަޢުލޫމާތުތައް ހިމަނާފައެވެ. މި ޑްރާފްޓަށް އާއްމުންގެ ޝަކުވާއެއްވާނަމަ ނުވަތަ ޚިޔާލެއް ވާނަމަ ހުށައެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ބ.ތުޅާދޫގައި ސަރުކާރުން އިމާރާތްކުރަނީ 100 ހައުސިންގ ޔުނިޓެވެ. ރޯހައުސްގޮތަށް އިމާރާތްކުރާ މި ގެތަކަކީ 1400އަކަފޫޓުގެ ބަންޑާރަ ބިމުގައި ހަދާ 900އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނައާއި ބަދިގެއާއި ސިޓިންގ ރޫމް ހިމެނެއެވެ.

ގެތައް ދޫކުރުމަށް ނިންމާފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބ.ތުޅާދޫ ރައްޔިތުންނާއި ބ.ތުޅާދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެނިހެން ރަށްތަކުގެ މީހުންނަށް ޚާއްސަ ކެޓަގަރީއެވެ. ދެ ކެޓަގަރީއަށް ކަނޑައަޅާނެ ހައުސިނގް ޔުނިޓްތަކުގެ ޢަދަދަށްވެސް އާއްމުންގެ ޚިޔާލަށް، ތުޅާދޫ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

ތުޅާދޫގައި އަލަށް ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކެވެ. ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ، ޚިޔާލު ހޯދުމުގެ މަރުޙަލާ ނިންމައި ހައުސިޓް ޔުނިޓް ދޫކުރާނެ ދާއިމީ އުސޫލު އެކުލަވާލެވުމުންނެވެ.

ތުޅާދުއަކީ އާބާދީގައި ތިންހާހެއްހައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގައި ގޯތި ބޭނުންވާ ގިނަ އާއިލާތައް ތިބިކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.