ރިޕޯޓް

ހައްޖާއި ގުޅިގެން ޞިއްހީ ގޮތުން ފިޔަަވަޅުތައް ވަރުގަދަކޮށްފި




ހައްޖާއި ގުޅުންހުރި ފަހުގެ މަޢުލޫމާތުތައް، ސައުދީ އަރަބިއްޔާ އިން :- މުހައްމަދު އަފްސަލް



ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ
އަރަބިއްޔާއަށް ދެ މިލިޔަނާއި ގާތްކުރާ އަދަދަކަށް މީހުން ޖަމާވެފައިވާއިރު، އެ
ޤައުމުން މިހާރުވަނީ ޞިއްހީ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރަށް
ވަރުގަދަކޮށްފައެވެ.

އެހެން އަހަރުތަކާއި އަޅާ ބަލާއިރު، މި އަހަރު ސައުދީ
އަރަބިއްޔާގެ ޞިއްހީ ވުޒާރާއިން ޞިއްހީ ގޮތުން ސަލާމަތީ ފިޔަވަޅުތައް އެތައް
ގުނައަކަށް ވަރުގަދަކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތުން، މައްކާ އަދި
މަދީނާގެ އެކި ހިސާބުތަކުގައި މިހާރު ޚާއްޞަ 29 ހޮސްޕިޓަލެއް
ޤާއިމްކޮށްފައިވާއިރު، މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭސް
ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކެކެވެ. މީގެ އިތުރުން، އެކި
ސަރަހައްދުގައި 300 ޚާއްޞަ ކްލިނިކް ޤާއިމްކޮށް، އެ ތަންތަނުންދަނީ ހިލޭ ބޭސް
ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.



މިދިޔަ އަހަރުގެ ހައްޖު މޫސުމަށް ބަލާލާއިރު،
ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގައި ކޮންމެ ދުވަހަކުހެން 9 ހާހަށްވުރެ ގިނަ
މީހުންނަށް ފަރުވާދީފައިވެއެވެ. މީގެ ތެރޭގައި ގިނައީ، ހޫނު ގަދަވުމުގެ ސަބަބުން
ކުރިމަތިވި އެކި ޞިއްހީ މައްސަލަތަކާއި ގުޅިގެން ފަރުވާދީފައިވާ މީހުންކަމަށް އެ
ޤައުމުގެ ޞިއްހީ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހައްޖު މޫސުމާއި ގުޅިގެން ޞިއްޙީ
މައްސަލަތައް އިތުރުވާއިރު، ޚާއްޞަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ޤާއިމްކުރުމުގެ
އިތުރުން ސައުދީ ސަރުކާރުން ކޮންމެ އަހަރަކުހެން މޯބައިލް ނުވަތަ އެއްތަނުން
އެނެއްތަނަށް ދަތުރުކުރެވޭ ޞިއްހީ މަރުކަޒުތަކެއްގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.



މި އަހަރުގެ ހައްޖު މޫސުމާއި ގުޅިގެން ޞިއްހީ ގޮތުން
ސަލާމަތީ ފިޔަވަޅުތައް އެތައް ގުނައަކަށް ވަރުގަދަކުރުމުގެ ފަހަތުގައި އެތަކެއް
ސަބަބުތަކެއް އެބައޮތެވެ. މީގެ ތެރެއިން ގިނަ ކަންތައްތަކަކީ، ވަރަށްވެސް ސީރިއަސް
ކަންތައްތަކެކެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކުގެ ތެރޭގައި، މި އަހަރުގެ
ކުރީކޮޅު އެފްރިކާގެ ބައެއް ޤައުމުގައި ހަލުވިކަމާއިއެކު ފެތުރެމުންދިޔަ
ނުރައްކާތެރި ބައްޔެއްކަމަށްވާ އެބޯލާ ފަދަ ބަލިތައް އެ ޤައުމުގައި ފެތުރުނަ
ނުދިނުން ހިމެނެއެވެ. މިދިޔަ އަހަރުގެ ހައްޖު މޫސުމާއި ދިމާކޮށް ސައުދީ
އަރަބިއްޔާއިންވެސް އެބޯލާގެ އަސަރުކޮށްފައިވާ ބައެއް މީހުން ފެނިފައިވެއެވެ.
ނަމަވެސް، މި އަހަރު އެ ޤައުމުން އެންމެ އިސްކަމެއް ދެނީ، ކޮރޯނާވައިރަސް ފަދަ
ނުރައްކާތެރި ބަލިތައް ފެތުރުނު ނުދިނުމަށްކަމަށް އެ ޤައުމުގެ ޞިއްހަތާއިބެހޭ
ވަޒީރު ޚާލިދް ޢަބްދުލްޢަޒީޒް ފަލާޙް ވިދާޅުވިއެވެ.



"މިހާތަނަށް މި
ޤައުމުގައި ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މި
ޤައުމުގެ ރައްޔިތުން. އެއީ މި ޤައުމުން ފެނިފައިވާ ކޭސްތަކެއް. ބޭރު ޤައުމަކުން
އައި މީހެއްގެ ހަށިގަނޑުން މިހާތަނަށް މި ވައިރަސްގެ އަސަރު އަދި ފެނިފައެއް
ނުވޭ" އޭނާ ވިދާޅުވިއެވެ.



"އެހެންވީމަ، އަޅުގަނޑުމެން މިހާރު އެންމެ ބޮޑު އިސްކަމެއް މި
ދެނީ ހައްޖުގެ އަޅުކަމަށް ބޭރުން އަންނަ ހައްޖާޖީން ސްކްރީންކުރުމަށް. ޤައުމަށް
އެތެރެވެވޭ ހުރިހާ ތަނެއްގައިވެސް މިހާރުވަނީ ޞިއްހީ ގޮތުން ސަލާމަތީ ފިވަޅުތައް
ވަރުގަދަކޮށްފައި" ޢަބްދުލްޢަޒީޒް ފަލާޙް އިތުރަށް ވިދާޅުވިއެވެ.



މިދިޔަ މަހުގެ ތެރޭގައި ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ
150 މީހަކު ސައުދީ އަރަބިއްޔާއިން ފެނިފައިވާއިރު، މީގެ ތެރެއިން ގިނަ އަދަދެއްގެ
ބަޔަކު މިހާރުވަނީ ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ. ނަމަވެސް އަދިވެސް އިތުރު
40 މީހަކަށް ފަރުވާދެމުންދާކަމަށް އެ ޤައުމުގެ ޞިއްހަތާއިބެހޭ ވުޒާރާއިން
ބުނެއެވެ.



" ކޮރޯނާވައިރަސްގެ އެއްވެސް ނިޝާނެއް ފެނިއްޖެ ހިނދެއްގައި،
އެކަމެއް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން މިތިބީ އެންމެ
ފުރިހަމައަށް ތައްޔާރުވެފައި. މިކަމަށް ޚާއްޞަކޮށްފައިވާ ހޮސްޕިޓަލްތަކާއި
ކްލިނިކްތައް އެކި ހިސާބުތަކުގައި މިވަނީ ޤާއިމްކޮށްފައި. އަދި އެތަނުގައި
ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންވަނީ ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި
ބަލިތަކަށް ފަރުވާދިނުމަށް ތަމްރީންކޮށްފައި" އެ ޤައުމުގެ މައި
ހޮސްޕިޓަލެއްގެ ނަރުހެއްކަމަށްވާ މާޙާ ޝަހްރާނީ ވިދާޅުވިއެވެ.



މޯބައިލް ޞިއްހީ މަރުކަޒެއްގެ އިސް ވެރިއެއްކަމަށްވާ
ބާސިމް ޖާވާ ވިދާޅުވީ
ޞިއްހީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކަކީ ވަރަށް ފެންވަރު ރަނގަޅު ތަންތަންކަމަށާއި، 
އެތަންތަނުގައި ބޭނުންކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީކަމަށެވެ.



" ކޮންމެ މަރުކަޒެއްގައިވެސް ޕީ.ސީ.އާރް. ސިސްޓަމް
ޤާއިމްކޮށްފައި ހުންނާނެ. އަދި މި ސިސްޓަމްތައް ބޭނުންކޮށްގެން ވަރަށް ފަސޭހައިން
ނުރައްކާތެރި ވައިރަސްތައް ދެނެގަނެވޭނެ. މި ސިސްޓަމްތައް ބޭނުންކޮށްގެން ހަ
ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލި ޖެހިފައިވާކަން ކަށަވަރު
ކުރެވޭނެ. އެހެންކަމުން، މިއީ ބައްޔެއްގެ ނިޝާނެއް ފެނިއްޖެ ޙާލަތެއްގައި،
އެކަމެއް ކޮންޓްރޯލް ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ލިބިގެންދާ ބޮޑު
ކުރިއެރުމެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.





މިފަދަ އެއްވެސް ބައްޔެއްގެ
ނިޝާނެއް ފެނިއްޖެނަމަ، ޞިއްހީ އޮފިޝަލުން މިހާރު
ތިބީ އެކަމެއް ކޮންޓްރޯލް ކުރަން ތައްޔާރީ ޙާލަތުގައިކަމަށް އެ ޤައުމުގެ
ޞިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުންވެސް، ހައްދުފަހަނަ
އަޅާފައިވާ ފަރާތްތަކުން ދީފާނެ ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަމަލާއަކުން
ދިފާޢުވުމަށްވެސް ސައުދީ އަރަބިއްޔާގެ ސަލާމަތީ ފައުޖުތަކުން މިހާރު އޮތީ ތައްޔާރީ
ޙާލަތުގައެވެ.