ކުޅުދުއްފުށި ސިޓީގައި އާއްމުންގެ ތެރޭގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށްޓަކައި ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.
ރެންޑަމް ސާމްޕަލް ނަގަން ފަށާފައި މިވަނީ ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާތީ، އެރަށުގައި ކޮވިޑް-19 ފެތުރިފައި ވަނީ ކިހާވަރަކަށްތޯ އާއި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމައްޓަކައެވެ. މިކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި މިވަގުތު ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު އުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހާއްސަ ގޮތެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަކީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ސިޓީގެ ޕޮލިސް ކްލަސްޓަރ އާއި ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ނެގެޓިވް ވެފައި ވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އެންމެންގެ ސާމްޕަލްވެސް މިހާރު ވަނީ ނަގާފައެވެ.
ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހާއްސަ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. މައުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ އެޗްއީއޯސީގެ ޓެކްނިކަލް ޓީމުގެ އޮފިޝަލުން މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަމަށާއި އެހެންކަމުން ރައްޔިތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވަނީ އިލްތިމާސް ކުރައްވާފައެވެ.