އެކިކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އަބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށް ކަރެކްޝަނަލް ސާރވިސް ތަފާސް ހިސާބުތަކުން ދައްކައިފިއެެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހާއި ގުޅުވާ ކަރެކްޝަނުން ވަނީ އެކިކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
ކަރެކްޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންގެ ނިޔަލަށް 1526 މީހަކު އަންނަނީ އެކި ކުށުގައި ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. މީގެތެރެއިން 68 މީހުންނަކީ އަންހެނުންނެވެ. މި މީހުންގެ ތެރެގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މި ގޮތުން މި އުމުރުފުރާގެ 851 ފިރިހެނުންނާއި 41 އަންހެނުން އަންނަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންނެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރޭގައި ދެން އެންމެ ގިނައީ 35 އަހަރާއި 54 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެތެރެއިން 567 މީހުންނަކީ ފިރިހެނުންނެވެ. 41 މީހުންނަކީ އަންހެނުންނެވެ.
މީގެއިތުރުން އެކި މައްސަލަތަކުގެ ތަހުޤީގަށް ރިމާންޑް ޖަލުތަކުގައި ތިބި މީހުންގެ ތެރޭގައިވެސް އެންމެ ގިނައީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މި ގޮތުން ރިމާންޑް ޖަލުތަކުގައި 186 ފިރިހެނުންނާއި 8 އަންހެނުން އެބަތިއްބެވެ. ރިމާންޑް ޖަލުގައި ތިބި މީހުންގެ ތެރޭގައިވެސް ދެން އެންމެ ގިނައީ 35 އަހަރާއި 54 އަހަރާއި ދެމެދުގެ މީހުންނެވެ. އޭގެތެރެއިން 69 މީހުންނަކީ ފިރިހެނުންނެވެ. 03 މީހުންނަކީ އަންހެނުންނެވެ.
ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް އިއްވާފައިވާ މީހުންނެވެ. މިގޮތުން ޖަލުގައި ތިބި މީހުންގެ ތެރެއިން 66.1 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ. ޖަލުގައި ތިބި މީހުންގެ ތެރެއިން ދެން އެންމެ ގިނައީ ވައްކާމާއި ފޭރުމާއި ޒިނޭއާއި މިފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އިންސައްތައަކީ 9.7 އިންސައްތައެވެ. އަދި ޖިންސީ އެހެނިހެން މައްސަލަތަކާއި ރޭފް މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އަދަދަކީ 2.1 އިންސައްތައެވެ.
ޓެރަރިޒަމްގެ އެކިކުށުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އިންސައްތައަކީ 4.7 އެކެވެ. މަރާމާރީއާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ އިންސައްތައަކީ 6.3 އެކެވެ.
As we mark #worldstatisticday here are some data from our prison system as of June 2020. Prison population demography shows a large number of our youth. Further, there are more than 100 person sentenced to prison for minor petty crimes that we could find non custodial measures. pic.twitter.com/eEJ9g4Ze9s
— Ahmed Mohamed (@ahumadhumohamed) October 20, 2020
ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މީހުންގެ ތެރެއިން އެންމެ ގިނައީ 4 އަހަރަށްވުރެ ދަށުގެ ހުކުމް ތަންފީޒުކުރަމުން އަންނަ މީހުންނެވެ. މިގޮތުން ޖަލުގައި މިވަގުތު ތިބި މީހުންގެ ތެރެއިން 571 މީހުންނަށް ތަންފީޒުކުރަމުން އަންނަނީ 4 އަހަރު ދުވަހަށްވުރެ ދަށުގެ ހުކުމެވެ. 25 އަހަރަށްވުރެ މަތީގެ ހުކުމް ތަންފީޒުކުރަމުން އަންނަ 226 މީހަކު ޖަލުގައި ތިބިއިރު މަރުގެ ހުކުމް އިއްވާފައިވާ 19 މީހަކުވެސް ޖަލުގައި އެބަތިއްބެވެ.