ވިޔަފާރި

އާރުކޭސީ މުއާހަދާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބައިވެރިވެއްޖެ


އިންޓަނޭޝަނަލް އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރސް" ނުވަތަ "ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން" (އާރުކޭސީ) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އާރުކޭސީއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ކަސްޓަމްސްގެ އިޖުރާއާތުތައް ފަސޭހަކޮށް އެއްގޮތްކުރުމާއިގުޅޭ މުއާހަދާއެކެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ (ޑަބްލިއުސީއޯ)ގެ މައި އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން ކޮންވެންޝަންގައި ބައިވެރިވުމުގެ ލިޔުން ޑަބްލިއުސީއޯގެ ސެކްރެޓަރީ ޖެނެރަލް ކުނިއޯ މިކްރިއާއަށް އެރުވީ ދިވެހިރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަސަން ޞާބިރެވެ.

އާރުކޭސީއަކީ ކަސްޓަމުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑާރޑްތައް ބަޔާންކުރާ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މުއާހަދާއެކެވެ. އާރުކޭސީގެ މަޤްސަދަކީ ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް ލުއިފަސޭހަކޮށް، ކަސްޓަމްސް ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެމަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އާރުކޭސީގައި ބައިވެރިވުމުން އެ ޤައުމަކީ ބައިނަލްއަޤްވާމީ ކަސްޓަމްސް ސްޓޭންޑާރޑްތައް ބޭނުންކުރާ ޤައުމެއްގެ ގޮތުގައި ބަލައިގަނެއެވެ. މި މުއާހަދާއަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ގޮތުގައު ނަގާކިޔޭ މިންގަނޑެއްކަމުގައިވާއިރު މި މުއާހަދާގައި ސޮއިކުރުމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމްސްގެ އުސޫލުތައްވެސް ބިނާވެފައިވާނީ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކާއި އެއްގޮތައްކަމަށް ވެގެންދާނެއެވެ.

އާރުކޭސީގެ ސްޓޭންޑަރޑްއެއްކަމަށްވާ ކަސްޓަމްސް ބިޒްނަސް ޕާޓްނަރޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖަރގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި ވާދަވެރި އިޤްތިސާދަކަށް ވެގެންދާނެއެވެ. މީގެއިތުރުން ދެފުށް ފެންނަ ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ޙިދުމްތުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. އަދި ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ބުނެއެވެ.