ވިޔަފާރި

ގަހާއި ޖަނަވާރު އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމަށް އޮންލައިންކޮށް މިހާރު އެދެވޭނެ


ގަސްގަހާއި ގެއްސާއި ޖަނަވާރު ރާއްޖެ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހަމަޖައްސަދީފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، އެ މިނިސްޓްރީގެ އެގްރިކަލްޗަރ އޮންލައިން ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ގަސްގަހާއިގެއްސާއި ޖަނަވާރު އިންޕޯޓް އެކްސްޕޯޓަށް އެދި ހުށައެޅޭނެކަމަށެވެ.

އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި، މޯލްޑިވްސް ސިންގްލް ވިންޑޯ ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މިސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ގަސްގަހާގެއްސާއި ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި، ކަރަންޓީން ޔުނިޓުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ވެޓިނަރީ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަންގެ ތެރެއިން ލިބޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރެވޭނީ، މޯލްޑިވްސް ސިންގްލް ވިންޑޯ މަޝްރޫޢުގެ އެހެން އެޕްލިކޭޝަންތައް ބޭނުން ކުރާ ފަދައިން، 'އީ-ފާސް' ލޮގިން މެދުވެރިކޮށެވެ.