ކުޅިވަރު

ރަން ފޮރ މޯލްޑިވްސްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ރަން ފޮރ މޯލްޑިވްސްގައި ބައިވެރުވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވަރޗުއަލް ރަންގައި ބައިވެރި ވުމުގެ މުއްދަތު ޔުނިކްސް ސްޕޯޓްސްއިން އިތުރުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާއި ހަމައަށެވެ. މިދިޔަ ބުރާސްފަތު ދުވަހު އިންޓަރނޭޝަނަލް ވާރޗުއަލް ދުވުމުގައި ބައިވެރިވުގެ ފުރުސަތު ބަންދު ކުރިއިރު 3000 އަށް ވުރެއް ގިނަ ދިވެހިން ވަނީ މިދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައެވެ. މި ދުވުމުގައި ބައިވެރިވުމަށް 200 އަށް ވުރެއް ގިނަ ދުވުންތެރިންވަނީ ރާއްޖެއިން ބޭރުންވެސް ރަޖިސްޓްރީކޮށްފަވެއެވެ.

އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފްބުނީ ރާއްޖޭގެ އެއްކޮޅުން އަޅެއްކޮޅަށް ދުވާ 870 ކިލޯ މީޓަރުގެ ދުވުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި މިދުވުމުގައި ބައިވެރިވުމަށް 100އަށް ވުރެއް ގިނަ ޓީމުން ބައިވެރިވެފައިވާކަމަށެވެ.

ރަން ފޮރ މޯލްޑިވްސް ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުވެސް ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ހިމެނެއެވެ. އެއީ 5.5 ކިލޯމީޓަރު ދުވުން ސިޓީ ލިންކާއި، 16 ކިލޯމީޓަރު ދުވުން އައްޑޫ ލިންކާއި، 21 ކިލޯމީޓަރު ދުވުން ލާމު ލިންކާއި، އަދި 870 ކިލޯ މީޓަރު ދުވުން ރާއްޖެ ލިންކެއެވެ. އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ކުރިޔަށްދާނީ ނޮވެމްބަރު މަހުގެ އެގާރައިގެ ނިޔަލަށެވެ