ޚަބަރު

2022ވަނަ އަހަރު ބޯހިމަނަނީ


ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރު ކުރިއަށް ގެންދަން ނިންމަވައިފިއެވެ.

މިކަން ނިންމަވާފައިވާކަން އިޢުލާން ކުރެއްވީ ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 2022 ވަނަ އަހަރު ބޯހިމެނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ. ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެންމެ ކުރިން އެކިކަންކަމުގެ ތަފާސްހިސާބުތައް ފަސޭހައިން ނަގަމުން އައިނަމަވެސް މިހާރު އެހާ ފަސޭހައިން ތަފާސްހިސާބުތައް ލިބެން ނުހުންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެ 5 އަހަރަކުން އެއްފަހަރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އަންނަ ތަފާސްހިސާބު ދުވަސް ކުރިއަށްއޮތްތަނުގައި ވަރަށް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގައި އެއް އެކްސަޒައިޒެގެ ގޮތުގައި އެންމެ ގިނައިން ކުރާ އެކްސަޒައިޒެއްގެ ގޮތުގައި ވެފައި މިއޮންނަނީ. ބޯހިމެނުން ފުރިހަމަވާނީ އެކަމުގައި އެންމެންވެސް ބައިވެރިވެގެން. ބޯހިމެނުމަކީ އެއްވެސް ގޮތަކަށް ވަކި ބަޔަކަށް ވަކި ފައިދާއެއް ވާގޮތަށް ހޯދަން ކުރާ ކަމެއް ނޫން. އެއީ މުޅި ޤައުމުގެ ލާބައާއި މަންފާއަށް ކުރާކަމެއް. "ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސްފައިވާއިރު 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ. އަދި އެންމެފަހުން ބޯހިމެނުމެއް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުގައެވެ. ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުން ދައްކާގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402071 މީހުންނެވެ.

އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތަފާސްހިސާބާ ބެހޭ ބިލެއް މި ވަގުތު އެބަ އޮތް ކަމަށް ވިދާޅުވެ، އެ ބިލް ޤާނޫނަކަށް ވެގެން އައުމުން ތަފާސްހިސާބާ ގުޅުން ހުރި މިނިވަން މުއައްސަސާއެއް އުފެދިގެން ދާނެކަން ފާހަގަކުރައްވާފައެވެ. ތަފާސްހިސާބަކީ މުހިއްމު އެއްޗެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި ވެސް ތަފާސްހިސާބުގެ މުހިއްމުކަން ފާހަގަވާ ކަމަށާއިމި ބަލިން އަރައިގަންނަމުން ދަނީ އެއްވެސް ބޭސް ފަރުވާއެއް ނެތި ކަމަށެވެ.

" ތަފާސްހިސާބަކީ އިސްލާމީ ރަން ޒަމާނުގައި ކުރިއަރައިގެން އައި ޢިލްމެއް. ރާއްޖޭގައި ވެސް ތަފާސްހިސާބުގެ އިލްމު ބޭނުން ކުރާތާ އެތައް ހާސް އަހަރެއް ވެފައިމިވަނީ" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ތަފާސްހިސާބުގެ ޕޮކެޓްފޮތް 2020އާއި ދިވެހިރާއްޖޭގެ ތަފާސްހިސާބު އެޓްލަސް 2020 އާއި އެސްޑީޖީ ޑޭޓާ އަޕްޑޭޓް 2020 ނެރެދެއްވާފައެވެ. މިއަހަރު ފާހަގަކުރާ ދުނިޔޭގެ ތަފާސްހިސާބު ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ.އިން ކަނޑައަޅާފައިވަނީ "އިތުބާރު ހުރި ތަފާސް ހިސާބުން ދުނިޔެ ގުޅާލުން" މިއެވެ.