ޚަބަރު

އުތުރު ކްލަސްޓަރ : ހީކުރިވަރަށްވުރެ މާ ނުރައްކާ


އުތުރު ކްލަސްޓަރގައި ކުޅުދުއްފުށިން ކޯވިޑް-19އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ އާއި ސީދާ ދިމާވި މީހުން އެ ސަރަޙައްދުގެ 10ރަށުގައި ތިބިކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. މި ކްލަސްޓަރގެތެރެއިން މިހާތަނަށް 4 ރަށަކުންވަނީ މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާލެއަށް ދަތުރުކޮށްފައިނުވާ އަދި ބަލިމީހަކާއި ބައްދަލުވެފައި ނުވާ ފުލުހަކު ކުޅުދުއްފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި އޭގެ އެއްދުވަސްފަހުން އިތުރު 2 ފުލުހަކު ކުޅުދުއްފުށިން ޕޮޒިޓިވްވިއެވެ. ހަމަ މި ކްލަސްޓަރއާއި ގުޅުންހުރި 2 މީހަކު ހއ.ދިއްދޫއިންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އުތުރު ކްލަސްޓަރގެ ކޭސްތައް މިހާތަނަށް 4 ރަށަކުން ފެނިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އެއީ ހދ.ކުޅުދުއްފުށިން 11 މީހުންނާއި، ހއ.ދިއްދޫއިން 4 މީހުންނާއި، ހދ.ކުރިނބީއިން އެކަކު އަދި ށ.ފޯކައިދޫއިން އެކަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށިން ބަލި ޖެހުނު މީހުންގެ ތެރޭގައި އަލާމާތް ހުރެގެން ޓެސްޓުކުރި އެކަކާއި، ރެންޑަމް ސާމްޕަލްއިން ހެދި ޓެސްޓުން ބައްޔަށް ޕޮޒިޓިވްވި 2 މީހުން ހިމެނެއެވެ. އެޗްޕީއޭއިން މިހާރުވަނީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަން އޮތްކަމަށް ނިންމައި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާޙިމް ނިޒާމް ވިދާޅުވީ، ކުޅުދުއްފުށިން ކޯވިޑް-19 ޖެހުނު ފުރަތަމަ މީހާއަކީ 24ސެޕްޓެމްބަރުގައި، ކުޅުދުއްފުއްޓަށް މާލެއިން ދަތުރުކުރި 18 ފުލުހުންގެ ޓީމާއި ގުޅުންހުރި މީހެއް ކަމަށެވެ.

"6 އޮކްޓޯބަރުގައި ޕޮޒިޓިވްވި ކޭސްގެ ކޮންޓެކްޓުން ގިނަ ރަށްތަކެއްގައި އެބަތިބި. އެއީ ހއ.ހޯރަފުށި، ށ.ފުނަދޫ، ހދ.ކުރިނބީ، ހއ.އިހަވަންދޫ، ށ.މިލަންދޫ، ށ.ފޯކައިދޫ، ށ.ކަނޑިތީމު، ހދ،ކުޅުދުއްފުށި، ހއ.ބަރަށް އަދި ހއ.ދިއްދޫގައި އެބަތިބި." އިބްރާޙިމް ނާޒިމް ވިދާޅުވިއެވެ.

އޮކްޓޯބަރު 7 ގައި އެރަށުން ޕޮޒިޓިވްވި 2 ފުލުހުންނާއި ކޮންޓެކްޓުންގެ ގޮތުގައި 64 މީހުން ކުޅުދުއްފުށީގައި އެބަތިއްބެވެ. އަދި އޭގެ ފަހުން 8 ވަނަ ދުވަހު ށ.ފޯކައިދޫއިންވެސްވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުގައި 47 ކޮންޓެކްޓުން، އަދި މި ކޭސްއާއި ގުޅިގެން ށ.ފުނަދޫގައި 24 ކޮންޓެކްޓުން އަދި ފީވަކުގައިވެސް 24 ކޮންޓެކްޓުން އެބަތިއްބެވެ.

މީގެ އިތުރުން 10 އޮކްޓޯބަރުގައި މި އޮޕަރޭޝަންގައި ހދ.ކުޅުދުއްފުށީފައި މަސައްކަތްކުރި ފުލުހެއްގެ އަންހެނުން ހއ.ދިއްދުއިން ވަނީ ޕޮޒިޓިވްވެފައެވެ. މި މީހާއާއި ގުޅުންހުރި 24 ކޮންޓެކްޓުން އެބަތިއްބެވެ.

ވޭތުވެދިޔަ ދެތިންދުވަހުވެސް މި ކްލަސްޓަރގެތެރެއިން އިތުރު މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީން ވިދާޅުވީ މިހާތަނަށް ކުޅުދުއްފުށީ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 154 މީހުން ފާހަގަވެފައިވާކަމަށެވެ. އަދި ދިއްދޫއިން 47 ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ. މި މީހުން ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މި ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށި މިހާރު ވަނީ މޮނިޓަރިންގެ ޙަލަތަށް ގެނެސް، މިއާއެކު ރަށުގެ ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ ހުއްޓާލާފައެވެ. އަދި ސިއްޙީ ކުއްލި ޙާލަތްތަކުގައާއި، ޒަރޫރީ ތަކެތި ފޯރުކޮށްދިނުންފަދަ ކަންކަމުގައި މެނުވީ ރަށަށް ނޭރުމަށްވެސް ވަނީ އަންގާފައެވެ.

?

ހީކުކުރެވި ވަރަށްވުރެން ވެސް ނުރައްކާ މިޖުމުލައިން ވަރަށްސާފު ކޮށް ވިސްނާބަޔަކަށް އެޗެށް ދޭހަވާނެ