ޚަބަރު

ކަނޑާއި ކަނޑުގެ ދިރުންތައް ދިރާސާކުރެވޭނެ އުސޫލު ބަޔާންކުރާ ޤަވާއިދެއް އާއްމުކޮށްފި


ދިވެހިރާއްޖޭގެ ކަނޑުތަކާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދިރާސާކުރުމުގެ ކަންކަން ވަކި އުސޫލެއްގެ ދަށުން ކުރިއަށްގެންދިއުމަށް އެކަމާއި ގުޅޭ ޤަވާއިދެއް އެކުލަވާލައިފިއެވެ. މި ޤަވާއިދަކީ މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ތަންފީޒުކުރަމުންއަންނަ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ ދަށުން ހަދާފައިވާ ޤަވާއިދެކެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާއި ބެހޭ ޤަވާއިދު" އެކުލަވާ ގެޒެޓްކޮށް މިހާރުވަނީ މި ޤަވާއިދަށް ޢަމަލުކުރަން ފަށާފައެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރާ ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި، މަސްވެރިކަމަކާއި މަސްވެރިކަމާއި ގުޅުންހުރި ދިރާސާތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކުރިއަށްގެންދާ ދިރާސާތަކަށް ހެދުމަށް މަގުފަހިކޮށްދިނުމެވެ.

މި ޤަވާއިދުގައިވާގޮތުން ފަސް ޙާލަތެއްގައި ކުރާ ދިރާސާތައް މި ޤަވާއިދުގެ ދަށުން އިސްތިސްނާވެއެވެ. މިގެތެރޭގައި މިނިސްޓްރީއިން ކުރިއަށްގެންދާ ދިރާސާތަކާއި، މިނިސްޓްރީއާއި ގުޅިގެން ހިންގާ ދިރާސާތަކާއި، ސަރުކާރުގެ އެހެން މުޢައްސަސާއެއްގެ މެންޑޭޓުގައިވާ ކަންކަން ޙާސިލުކުރުމަށް ހަދާ ދިރާސާތައްފަދަ ދިރާސާތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރާ ދިރާސާތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މި ޤަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނެއެވެ. މި ޤަވާއިދުގެދަށުން ދިރާސާ ހެދުމަށް ހުއްދަ ދޫކުރަނީ އެއް އަހަރުގެ މުއްދަތައް ނަމަވެސް، ދިރާސާ އިތުރަށް ކުރިއަށްގެންދަން ބޭނުންވާ ޙާލަތްތަކުގައި އެ މުއްދަތު އިތުރުކުރެވޭނެ ގޮތްތައްވެސް ހިމަނާފައިވެއެވެ.

މި ޤަވާއިދު އެކުލަވާލާފައިވަނީ ދިރާސާކުރުމަށް ހުއްދަ ދެވޭ ފަރާތްތަކުން ކުރާ ދިރާސާގައި އެއްކުރާ މަޢުލޫމާތު ނުވަތަ ހޯދުންތަކުގެ މައްޗައް އެކުލަވާލާ ރިޕޯޓް މިިނިސްޓްރީއަށް ދޭންޖެހޭގޮތަށެވެ.

މި ޤަވާއިދުގައި ބުނާގޮތުން ދިރާސާކުރުމަށް ހުއްދަ ދޫކޮށްފައިވާ ބާވަތްތައް ފިޔަވައި އެހެން ތަކެތި ނެގުމަކީ މަނާކަމެކެވެ. އަދި ހުއްދައިގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުންވެސް ވަނީ މަނާކޮށްފައެވެ. އަދި ދިރާސާގެ މަސައްކަތް ކުރިއަށްގެންދިއުމުގެތެރޭގައި ސަޤާފީ ތަރިކަކަމަށް ބެލޭވޭ އެއްޗެއް ފެނިއްޖެނަމަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކަށް އެކަން އަންގަން ޖެހޭނެއެވެ. މި ޤަވައިދާ ޚިލާފަށް ކަމެއްކޮށްފިނަމަ އެކަމެއް ބެލެވޭނީ ކުށެއްގެ ގޮތުގައި ކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެފަރާތެއް ޖޫރިމަނާވެސް ކުރާނެއެވެ.

އެގޮތުން ސައްޙަ ހުއްދައެއް ނެތި ދިރާސާކުރުން ނުވަތަ ތަހުލީލު ކޮށްފިނަމަ، 5000 ރުފިޔާއިން ޖޫރިނަމާކުރާނެއެވެ، އަދި ދިރާސާކުރުމަށްދޭ ހުއްދައިގެ ޝަރުތަކާއި ޚިލާފުވެއްޖެނަމަ 2000 ރުފިޔާއިން ޖޫރިނާކުރާނެއެވެ.