ޚަބަރު

އާރްޑީސީގެ މަަސައްކަތްތައްވެސް ލާމަރުކަޒް ކުރަނީ


ރާއްޖޭގެ ރަށްތަކުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 5 ސަރަހައްދެއްގައި އާރްޑީސީގެ މަސައްކަތްތައް ފުޅާކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ކަނބޮޑުވުންތައް ރައްޔިތުން ފާޅު ކުރަމުން އަންނަކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ 5 ސަރަހައްދެއްގައި އެ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށް ނިންމާފައިވަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއާއެކު ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވުމާއި ޗަކަވުން ހައްލު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސާ އަލިމަނިކް ވިދާޅުވީ މި ބަދަލުތަކާއެކު އެ ކުންފުނީގެ މަސައްކަތްތައްވެސް ލާމަރުކަޒީކޮށް ކައުންސިލްތަކާއި ގުޅިގެން މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

މާލެއާއި ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަގުތަކުގައި ފެންބޮޑުވުމާއި ފެންވަރު ރަނގަޅު މަގުތައް ހެދިފައި ނެތުން ހިމެނެއެވ. މި މައްސަލަތައް ހައްލުކޮށް ރަށްރަށުގައި ޒަމާނީ ފެންވަރުގެ މަގުތައް ހެދުމުގެ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ހިންގުމުގެ މަޤްޞަދުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.