ޚަބަރު

ވޭމަންޑޫ - ކިނބިދޫ ކޯޒްވޭ، ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައި


މޫސުން ރަނގަޅު ކަނޑު މަޑު ދުވަހެއްނަމަ ތ. ވޭމަންޑޫ އާއި ކިނބިދުއާ ދެމެދު ސްޕީޑް ލޯންޗެއްގައި ދަތުރުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ ގާތްގަނޑަކަށް 5 މިނެޓްގެ ދަތުރެކެވެ.

އެހެންނަމަވެސް މޫސުން ގޯސްދުވަހެއްނަމަ، އެ ދެރަށް ދޭތެރޭގައި ދަތުރުކުރުމަކީ ތަކުލީފު ބޮޑު ދަތި އުނދަގޫ ކަމެކެވެ. އެހެންކަމުން ދެރަށް ކޯޒުވޭއަކުން ގުޅާލައި ދެ ރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ދަތުރުކުރުމާއި ޚިދުމަތްތައް ހޯދޭނެ ގޮތް ހަދައިދިނުމަކީ އެ ދަރަށުގެ ރައްޔިތުން އަބަދުމެ އެދިއެދި ތިބި ކަމެކެވެ. މިކަން ކޮށްދެއްވުމަކީ މި ސަރުކާރުގެ ވައުދެއްވެސް މެއެވެ.

ތ. އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ވޭމަންޑޫއެވެ. މާލެ ނުގޮސް ހޯދެން ހުރި ޚިދުމަތްތައް ހޯދުމަށް އެ އަތޮޅުގެ އެހެން ރަށްތަކުން ބަރޯސާ ވަނީ ވޭމަންޑޫއަށެވެ. މިފަދަ ބޭނުންތަކަށް ކިނިބިދޫގެ ރައްޔިތުންވެސް މިރަށަށް އައިސް ގޮސް އުޅެއެވެ. އަތޮޅުގެ އެހެން ރަށްރަށާއި އަޅާބަލާއިރު ވޭމަންޑޫގައި އެކިއެކި ޚިދުމަތްތައް ފަހިވެފައި ހުރެއެވެ.

އެގޮތުން ދިގު ދަތުރުތަކުގައި ވޭމަންޑޫއަށް މަޑުކުރާ އޮޑިދޯނި ފަހަރަށް ތެލާއި ފެން އެޅުމުގެ ޚިދުމަތްވެސް އެރަށުން ފޯރުކޮށްދެއެވެ. އަދި އަތޮޅު ހޮސްޕިޓަލާއި ބޭންކުގެ ޚިދުމަތާއި، އަތޮޅު ކައުންސިލާއި، ޕޮލިސް ސްޓޭޝަނާއި، ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރެއްވެސް ވޭމަންޑޫގައި ހުރެއެވެ. އެހެންކަމުން އެރަށިގެ ގިނަ މީހުންނަކީ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާ ކުރާ މީހުންނެވެ.

މިއާ ޚިލާފަށް ކިނބިދޫގައި ރައްޔިތުން އާމްދަނީ ހޯދުމަށް ކޮށް އުޅޭ މަސައްކަތަކީ ފަންގިވިނުމެވެ. އެހެންކަމުން މި ދެރަށް ގުޅާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ރަށުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ. ސަބަބަކީ އޭރުން ވިޔަފާރި އާއި ވަޒީފާ އަދާކުރެވޭނެ މަގުތައް ވޭމަންޑޫގެ އިތުރަށް ކިނބިދޫގެ ރައްޔިތުންނަށް ވެސް ފަހިވެގެން ދާނެތީއެވެ.

ކިނބިދޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ، ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލެވުން ކަމަށް ވާއިރު އެކަމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު މިހާރުވެސް އަންނަނީ ހޯދަމުންނެވެ. އަދި މި ދެރަށު ކޯޒްވޭއަކުން ގުޅާލުމަށްޓަކައި އެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ ހެދުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އިންސާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިސްމާޢިލް ޙަނީފް ވިދާޅުވީ ދެރަށް ގުޅާލުމަށްޓަކައި ދެރަށުގެ ރައްޔިތުންނަށް ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެތައް ދުވަހެއް ވަންދެން ބޭނުންޖެހިފައިވާ ކަމެއް މިއަދާ ހަމަޔަށް އައިރުވެސް ނުކުރެވުމުގެ ސަބަބުން ރައްޔިތުން ހިތާމަކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެރަށް ގުޅާލެވުމުން ދައުލަތުގެ ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ޤަބޫލުކުރާ ކަމަށެވެ.

"ޚިދުމަތްތައް އެތަނަކުން ލިބެމުން ދިޔުމަކީވެސް ސަރުކާރަށް ލިބެގެންދާނެ ލުއިކަމެއް. މިގޮތުން ޕޮލިސްސްޓޭޝަންވިއަސް، ސްކޫލްވިއަސް ،ހޮސްޕިޓަލްގެ ޚިދުމަތްތައްވިއަސް ދެ ރަށެއްގައި ތަރައްޤީ ކުރުމަށްވުރެ އެއްތަނެއްގައި ހުރި ތަންތަން އިތުރަށް ތަރައްޤީ ކުރެވިދާނެ."އަތޮޅުކައުންސިލްގެ ނައިބު ރައީސް އިސްމާޢިލް ހަނީފް ވިދާޅުވިއެވެ.

ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައި ވަނީ ވޭމަންޑޫގެ ހުޅަނގު ދެކުނު ފަރާތުންނާއި ކިނބިދޫގެ އިރު ދެކުނު ފަރާތުންނެވެ. މި މަސައްކަތް ކުރުމަށްޓަކައި މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ވަނީ އެއްލައްކަ އަށްޑިހަ ފަސްހާސް އެއް ރުފިޔާ ހިމަނާފައެވެ.

ބިމުގެ ބޮޑު މިނުގައި 34.4 ހެކްޓަރު ހުންނަ ކިނބިދޫގެ އާބާދީއަކީ 1450 އެވެ. އަދި ވޭމާންޑޫގެ ބިމުގެ ބޮޑުމިނަކީ 41.7 ހެކްޓަރެވެ. މިރަށުގެ އާބާދީއަކި 1305 އެވެ.