ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ހިތްޤާއިމު ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ހިތްފަސޭހަ ކަމާއެކު ދަތުރުގޮސް އުޅެވޭނެގޮތަށް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ފަރުހިލާ ތުނޑީގެ ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު މި ސަރަހައްދު ވަނީ ހުޅުވާލެވިފައެވެ. މިއީ އެރަށުގައި އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން، މި ތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެހެން މިހާރުވަނީ ހިޔާވާނެ ގޮތަށް އަތިރމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ގާއިމް ކުރެވިފައިވާކަމަށް ބީއެމްއެލުން ހާމަކުރެއެވެ. އަދި މީގެ އިތުރުން ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅައި، 2500 ލީޓަރުގެ ފެން ޓޭންކެއްވެސް ވަނީ މިސަރަޙައްދުގައިވަނީ ބަހައްޓާފައެެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް މި ސަރަހައްދުގައި ވަނީ ޑަސްޓްބިންވެސް ބަހައްޓާފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ.

"މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ލިބިފަ. ވޭމަންޑޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ވޭމަންޑޫގެ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވީ ކައިރި ރަށުންގެ މީހުންވެސް މިސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރާނެ ކަމަށެވެ.

" މުސްތަގުބަލުގައި މިސަރަހައްދު އިތުރަށް ތަރައްގީކޮށް އަވައްޓެރި ރަށްތަކުގެ ރައްޔިތުންވެސް މިސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ ތަސައްވަރު." ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.