ވިޔަފާރި

29 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި


މިހާތަނަށް 29 ގެސްޓުހައުސެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވާލުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެމުންދަނީ ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 18ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން ނުވަ ރަށެއްގައި ހިންގާ 29 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

އެގޮތުން އެ ރަށްތަކަކީ،
-ނ. ފޮއްދޫ
-ކ. ހުރާ
-ކ. މާފުށި
-ކ. ގުރައިދޫ
-އއ. މަތިވެރި
-އއ. އުކުޅަސް
-އއ. ތޮއްޑޫ
-ވ.ތިނަދޫ
-ވ. ފުލިދޫ

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.