ކުޅިވަރު

ނަތީޖާއިން މާޔޫސްވޭ، ނަމަވެސް ލީގު ނިންމާލާނީ ކުރީގައި އޮވެގެން: ޕިރްލޯ


އިޓާލިއަން ލީގަށް އަލަށް ޕްރޮމޯޓްވި ކްރޮޓޯންއާ ވާދަކޮށް 1-1 އިން އެއްވަރުވުމުން މާޔޫސްވި ނަމަވެސް ލީގު ނިންމާލާނީ ކުރީގައި އޮވެގެންކަން ޔަގީންވާކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕިރްލޯ ބުނީ އެންމެފަހުން ކުޅުނު ދެ މެޗުގައި 10 މީހުންނާއެކު ފުރިހަމަކުރަން ޖެހުމުން ޔުވެންޓަސް ކަހަލަ ޒުވާން ކުޅުންތެރިން ގިނަ ޓީމަކަށް އެކަންކަން ހަމައަކަށް އަޅުވަން ވަގުތު ބޭނުންވާކަމަށެވެ. މިކަހަލަ މެޗުތަކުން ޒުވާން ކުޅުންތެރިން ތަޖުރިބާ ހުރި ކުޅުންތެރިން ފަރާތުން ކަންކަން ދަސްކުރަން ޖެހޭކަމަށް ޕިރްލޯ ބުންޏެވެ.

މެޗަށް ނުކުތްއިރު ގޮންޖެހުންތައް ހުރިކަމަށާއި ހުރިހާ ކުޅުންތެރިން އެކީ މެޗުގެ ތަމްރީން ހެދުނީ މެޗު ކުޅެންއޮތް ދުވަހުގެ އެއް ދުވަސް ކުރިންކަން ޕިރްލޯ ފާހަގަކުރިއެވެ. ޔުވެންޓަސްއަކީ މި ސީޒަނުގައި ވެސް ލީގަށް ވާދަކުރާނެ ޓީމެއް ކަމަށާއި ޔުވެންޓަސްއިން މަސައްކަތް ކުރާނީ ޕޮއިންޓަކަށް ފަހު ޕޮއިންޓަކަށް ކަމަށް ޕިރްލޯ ބުންޏެވެ. އަދި ލީގު ނިންމާލާނީ އެންމެ ކުރީގައި އޮވެގެންކަން ޔަގީންވާކަމަށް ޔުވެންޓަސްގެ ކޯޗު ބުންޏެވެ.

އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި 8 ޕޮއިންޓާއެކު މިވަގުތު ޔުވެންޓަސް އޮތީ ލީގުގެ ހަތަރު ވަނައިގައެވެ.