އިންޓަރނޭޝަނަލް އެއަރޕޯޓާއިއެކު އުތުރަށް އެންމެ މުހިންމު އެއް ރަށަކީ ހދ.ހަނިމާދުއެވެ. އެއަރޕޯޓްގެ ޚިދުމަތާއި، އަދި ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހަނިމާދުއަށް ޒިޔާރަތްކުރެއެވެ. އެރަށުގެ އިތުރުވަމުން އަންނަ އާބާދީއާއިއެކު ޚިދުމަތްތަކަށް އޮތް ޑިމާންޑްވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ހަނިމާދޫގައި ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުން ގެންދާއިރު ރަށުގައި މިހާރު ކުރިއަށްދާ އެންމެ މުހިއްމު މަޝްރޫއަކީ، ރަށުގެ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ މަސައްކަތުގައި ފުރަތަމަ މަޝްވަރާކުރީ 280ފޫޓު ބަނދަރަށް އިތުރުކުރުމަށެވެ. ނަމަވެސް ހަނިމާދުއަކީ ގިނަ ބަޔަކު ދަތުރުކުރާ ރަށަށްވެފައި ބަނދަރަށް އަބަދުވެސް ބާރު ބޮޑުވާ ރަށަކަށް ވާތީ، ބަނދަރަށް އިތުރު ބަދަލުތައް ގެނައުމަށް ރައްޔިތުން ހުށައެޅިއެވެ. އެރަށުގައި މިހާރު ބޭނުންކުރަމުން އަންނަނީ 2005ވަނަ އަހަރު ބޭނުންކުރަންފެށި 500 ފޫޓުގެ ބަނދަރެވެ.
"ތިން އަތޮޅުގެ މީހުން އާދޭ ހަނިމާދުއަށް އެއަރޕޯޓް އޮންނާތީވެސް. މުދާ އުފުލާ ބޯޓުތައް 2،3 ބޯޓު އައިސް އެބަ އޮވޭ ޖާގަ ނެތިގެން ބަނދަރަށް ނުވަދެވިފައި. ކައުންސިލަށް ވަރަށް ބޮޑަށް ޝަކުވާ އާދޭ." ރަށުގެ ބަނދަރުގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ޢަބްދުއްސަލާމް އަލީ ވިދާޅުވިއެވެ.
ރަށަކީ މަސްވެރިކަން ކުރާ ރަށަކަށްވުމުން މަސްވެރިންނަށްވެސް ބަނދަރުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ ބަނދަރު ހެދުމަށް ފުރަތަމަ ކުރަހާފައިވާ ކުރެހުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއްވެސް ބޭއްވި ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ މިގޮތަށް މަޝްރޫޢުއަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެރަށުގައި ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި ކައުންސިލްގެ ބައްދަލުވުމަކަށް އެންމެ ގިނަ ރައްޔިތުން ހާޒިރުވި ބައްދަލުވުމަކަށް ވެސް އެ ބައްދަލުވުން ވާނެކަމަށެވެ. މިކަމުންވެސް ހާމަވެގެންދިޔައީ ރަށުގެ ރައްޔިތުން ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވެފައިވާ މިންވަރުކަމަށް ސަލާމް ވިދާޅުވިއެވެ.
"ކުރިން 280 ފޫޓު އިތުރުކުރަން ސަރުކާރުން ހުށައެޅީ. އޭރުން ޖުމްލަ ބޮޑުމިން ވާނީ 780 ފޫޓުގެ ބަނދަރަކަށް. ނަމަވެސް ރައްޔިތުން ހުށައެޅީ 500ފޫޓު އިތުރުކޮށްދިނުމަށް. މިހާރު ސަރުކާރުން މިވަނީ 700 ފޫޓު އިތުރުކުރުމަށް ނިންމާ މަސައްކަތް ފަށާފަ. ޖުމްލަ ބޮޑުމިން 1200ފޫޓަށް އަރާނެ." ސަލާމް ވިދާޅުވިއެވެ.
ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުމަހުއެވެ. އަދި މިއަހަރު ޖޫންމަހުވަނީ ޢަމަލީ މަސައްކަތް ފަށާފައެވެ. މި ބަނދަރު ތަރައްޤީކުރަނީ ކުރީގެ ބަނދަރާ ގުޅާލެވިގެންދާ ގޮތަށެވެ.
ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގައި ހިމެނެނީ 270 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 355 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލުމާއި، 50 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ނެރާއި ބަނދަރު ފުންކުރުމާއި، އަދި ބަނދަރު ވަށައިގެން 2583 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހަދާ ގޮތަށެވެ. ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫގެ ރަޖިސްޓްރީ އާބާދީގައި 2250 މީހުން ތިބި ނަމަވެސް، އެކި ބޭނުންތަކުގައި އެރަށުގައި 2700އަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ.