ދުނިޔޭގެ ވިޔަފާރި

ބްލެކް ސީ ސަރަޙައްދުން ފެނުނު ގޭހުގެ ރިޒާވްގެ ބޮޑުމިން ހާމަކޮށްފި


ތުރުކީއިން ބްލެކް ސީން ހޯދި ގޭހުގެ ރިޒާވް ހުރި ސަރަހައްދުގެ ބޮޑުމިން 400 ބިލިއަން އަކަ މީޓަރަށްވުރެ ބޮޑުކަމަށް ތުރުކީވިލާތުން ހާމަކޮށްފިއެވެ.

ތުރުކީއިން މިދިޔަ އޮގަސްޓްމަހު ހޯދި ގޭހުގެ ރިޒާވް ހުރިކަމަށް ލަފާކުރެވެނީ 320 ބިލިއަން އަކަ މީޓަރުކަމަށް ހާމަކޮށް، އެޤައުމުން ވަނީ މިއީ އެ ޤައުމުގެ އެންމެ ބޮޑު ނެޗުރަލް ގޭސް ރިޒާވްކަންވެސް ހާމަކޮށްފައެވެ.

ތުރުކީވިލާތުން ހަކަތައިގެ ދާއިރާގައި ހޯދާ ހޯދުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ބްލެކް ސީގައި ގޭހުގެ ރިޒާވް ކުރިން ފެނިފައިވާ ނުވާ ބޮޑު ސަރަހައްދަކުން ފެނިފައިވާކަމަށް ވިދާޅުވެފައެވެ. ތުރުކީގެ ރައީސް ވިދާޅުވީ ބްލެކް ސީގައި ގޭހުގެ ރިޒާވް ހުރި ސަރަހައްދުގެ ބޮޑުމިން 405 ބިލިއަން އަކަ މީޓަރަށް އަރާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ގޭސް ރިޒާވްތައް އެސަރަޙައްދުން ފެންނަަކަން ހާމަކުރައްވަމުން ތުރުކީގެ ރައީސް ވިދާޅުވީ ގޭސް ރިޒާވްތައް ހޯދުމަށް ހަތަރު ހާސް ހަތްސަތޭކަ ހަތްދިހަ ފަސް މީޓަރަށް ބޯ ހޯލް ތޮރުފާއިވާކަމަށެވެ. މިއީ ކުރީގެ ޕްލޭންއާއި އެއްގޮތައް ތޮރުފި ބޯ ހޯލެއްކަމުން އަލަށް ހޯދި ސަރަހައްދުތަކުގެ އިތުރު ތަފްސީލް ހޯދުމަށް ބޯޓުތަކުގެ މަރާމާތުތައް ނިންމާލުމަށްފަހު މަސައްކަތް ފަށާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު ބޯޓެއްވެސް މި މަސައްކަތަށް ބްލެކް ސީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. ތުރުކީވިލާތުން ބްލްކް ސީގެ ގޭހުގެ ރިޒާވުން ވިޔަފާރި ފެށުމަށް ތައްޔާރުވަމުންދާއިރު، މިކަމަކީ އެ ޤައުމުން ރަޝިއާއާއި އަޒަރްބައިޖާން ފަދަ ޤައުމުތަކަށް ހަކަތަ އިމްޕޯޓްކުރަން ބަރޯސާވާ ބަރޯސާވުމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެކަމެކެވެ. މިދިޔަ އަހަރު އެކަނިވެސް ތުރުކީއިން މިފަދަ އިމްޕޯޓްތަކަށް 41 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

ތުރުކީވިލާތުން ބްލްކް ސީގެ ގޭހުގެ ރިޒާވުން ވިޔަފާރި ފެށުމުގެ މަސައްކަތްކުރަމުންދާއިރު، ތަޖުރިބާކާރުން ބުނާގޮތުން ބޯ ހޯލް ފުނަށް ތޮރުފައިގެން ހޯދާ މިހަކަތަ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް އިތުރު ވަގުތާއި ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމަށެވެ. ތަޖުރިބާކާރުން މިހެން ބުނަމުން ދިއުމުން ތުރުކީގެ ސަރުކާރުން ވަނީ ރައްޔިތުންގެ ތަރައްޤީއާއި ޤައުމުގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގުމަށް ކުރަންޖެހުނު ކޮންމެ ޚަރަދެއްވެސް ކުރަން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.

ތުރުކީއިން ދަނީ ބްލެކް ސީއިން ހަކަތަ އުފެއްދުމުގެ މަސައްކަތް 2023 ވަނަ އަހަރު ފަށާ 2025 އަހަރު އަންނަން ވާއިރު 15 ބިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބޭނުން ހިފުމުގެ ޤައުމީ އެކްޝަން ޕްލޭނެއްވެސް ހަދާފައެވެ. މި މަސައްކަތުގެ ސަބަބުން ގިނަ އަދަދެއްގެ ޤައުމުތަކުން މި ސަރަހައްދުން ހަކަތަ ލިބިގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މިކަމަށް ވާންޖެހޭ އެއްބަސްވުންތައް ޤާއިމުކުރުމަށް ތުރުކީއިން ދަނީ ޤައުމުތަކާއި މަޝްވަރާކުރުމަށް ތައްޔާރުވަމުންނެވެ.

ތުރުކީއިން ބްލެކް ސީގައި ގޭހުގެ ރިޒާވްގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޤައުމުން މެޑިޓެރޭނިއަން ސަރަހައްދުގެ ކަނޑުގައި ހައިޑްރޯ ކާބަން ހުރިތޯވެސް ދަނީ ބަލަމުންނެވެ. ގިނަ ޤައުމުތަކެއް އެ ސަރަހައްދެއްގެ މިލްކުވެރިކަމަށް ދަޢުވާކުރާ މެޑިޓެރޭނިއަން ސީގައި ތުރުކީއިން މި މަސައްކަތް ކުރުމުގެ ސަބަބުން ގްރީސްއާއި ސައިޕްރަސްއިން މިހާރު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.