ޚަބަރު

ވިލިމާލޭގައި ގަސް އިންދުމުގެ މަސައްކަތަށް ޚާއްސަ ސަރަޙައްދެއް ކަނޑައަޅަނީ


ވިލިމާލޭގައި ގަސް އިންދުމުގެ މަސައްކަތަށް ޚާއްސަ ސަރަޙައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާ، އެކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ވިލިމާލޭގައިވެސް އެކިކަހަލަ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށާއި، އެކި ކަހަލަ މަސައްކަތް ކުރާ މީހުންނަށް ވަރަށް ދަތިއުނދަގޫ ހާލަތެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ވިލިމާލޭގައި އެކި ކަހަލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ހޯމް ގާޑެނިންގ ނުވަތަ ގަސް އިންދުމަށް ޝަޢުގުވެރިވާ ފަަރާތްތަކަށް އެ މަސައްކަތް ކުރެވޭނެ ޚާއްސަ ބިމެއް ޕްލޭނިންގ މިނިސްޓްރީއާއެކު މަޝްވަރާކުރުމަށްފަހު، މިހާރު ހަމަޖައްސާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ސިފާ ވިދާޅުވީ، މިގޮތަށް ބިމެއް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ވިލިމާލޭގެ ގިނަ ރައްޔުތުންނަކީ ގަސް އިންދުމަށް ލޯބިކުރާ ބަޔަކަށްވެފައި، މީހުން ހިނގާ މަގުތަކުގައާއި، ހުސްކޮށް ހުންނަ ބިންތަކުގައި އެކި އެކައްޗަކަށް ގަސް އިންދުމުގެ ސަބަބުން، މަދިރި އާލާވުމުގެ ފުރުޞަތު ބޮޑުވުމާއި، ސާފުތާޙިރުކަން ގެއްލޭތީކަމަށެވެ.

"ވިލިމާލޭގައި މީހުން ހިނގާމަގުތަކުގަޔާއި، ހުސް ބިންތަކުގައި އެކިއެކައްޗަކަށް ގަސްއިންދާފައި މިހެން ހުރީމާ މަދިރި އުފެދޭގޮތްވުމާއި، އެތަންތަން ހަޑިވުމާއި، އަނެއްކާ ސީދާ ދައުލަތުން ބިމެއް ދެވިފައިނެތިސް އެކަންކަން ކުރީމަ އަނެއްބައި ފަރާތުން ވަރަށް ބައިވަރު ޝަކުވާތައް އެބަކުރޭ. މިހުރިހާ ސަބަބަކާހުރެ މިގޮތަށް މި ކަނޑައެޅީ. ވިލިމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުންނަކީ ގަސް އިންދުމަށް ލޯބިކުރާ ބައެއްކަން. އެހެންވީމަ އެކަންވެސް ޤަވާއިދަކާއި އުޞޫލެއްގެ ތެރެއިން ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ" މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ވިލިމާލޭގައި ގަސް އިންދުމަށް ޚާއްސަކޮށްފައި ބިން ބޭނުންކުރާނެގޮތުގެ އުޞޫލު އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރައްވަމުންދާކަމަށާއި، އެކަންކަން ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ވިސްނުންހުރީ ހަމައެކަނި ގަސް އިންދުމަށް ބިން ދޫކުރުން އެކަނި ނޫންކަން ފާހަގަކުރައްވާ،

މޭޔަރ ސިފާ ވިދާޅުވީ، ވެލްޑިންގ ކުރުމާއި، ކާޕެންޓްރީއާއި، ތިލޭރުކަންފަދަ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން، އެ ފަރާތްތަކަށް މަސައްކަތްކުރެވޭނެ ފަދަ ތަންތަން ހެދުމަށްވެސް ކައުންސިލުން ވިސްނަމުންދާކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވިލިމާލެއިންވެސް ވިލިމާލޭގައި ދިރުއުޅޭ ރައްޔިތުންނަށް މަސައްކަތްތެރިކަމަށް ކުރިއަށްއޮތްތާނގައި ކައުންސިލުން ވިސްނުން އެބަގެންގުޅެން މިސާލަކަށް ބައެއް ފަރާތްތަކުން މަސައްކަތެއް ކޮށްލަން ބޭނުންވެއްޖެއްޔާ ކޮންމެވެސް ވަގުތުތަކެއް ކަނޑައަޅާފައި، ތަންތަން ހަދާފައި އެ މަސައްކަތަކަށް ފުރުޞަތުދެވޭނެ ގޮތެއްވޭތޯ" މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ވަކިން ޚާއްސަކޮށް މާލެއާއި ވިލިމާލޭގައި މެދުފަންްތީގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކާއި، އެކިކަހަލަ އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެކަން ކުރާނެ ބިމުގެ ޖާގަނެތުމަކީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްމަކަށެވެ. އަދި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ވަރަށް ގިނަ ބިން ނަގާފައިވާކަން މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، އަމިއްލަ މަސައްކަތްކުރަން ޝަޢުގުވެރިވާ ފަރާތްތަކަށް އެކަންކަން ކުރެވޭނެ ފަހި މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރައްވާނެކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.