ދުނިޔެ

ބައްދަލުވުމަކަށްފަހު ދެ ޤައުމެއްގެ ޚާރިޖީ ވަޒީރުންނަށް ކޯވިޑް-19 ޖެހިއްޖެ


ވިލާތުގެ އިއްތިޙާދުގައި މަސައްކަތްކުރައްވާ ފަރާތްތަކަކާއި ބައްދަލުކުރެއްވި ދެ ޤައުމެއްގެ ޚާރިޖީ ވަޒީރުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ލަގްޒެމްބާގުގައި ބޭއްވި ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެކްސެންޑާ ޝަލެންބާގާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ސޯފީ ވިލްމެސް އިށީނދެވަޑައިގެންފައިވަނީ ކައިރިކައިރީގައެވެ. ދެ ބޭފުޅުންވެސް މިހާރުވަނީ ކޯވިޑް-19އަށް ޕޮސިޓިވް ވެފައެވެ.

އޮސްޓްރިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ލަގްޒެމްބާގުގައި އޮތް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިރު ވަޒީރު ޝަލެންބާގަށް ކޯވިޑް-19 ޖެހިފައިވާކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ފަރާތުން ފެނިފައިނުވާކަމަށް އެ ވުޒާރާއިން ބުނެއެވެ. ލަގްޒެމްބާގުގައި ޝަލެންބާގު ބައިވެރިވެވަޑައިގަތީ ގުޅުން ބަދަހިކުރުމުގެ އެންމެ ބައްދަލުވުމުގައިކަމަށާއި އެއީ އަޔަލެންޑުގެ ޚާރިޖީ ވަޒީރު ސައިމޮން ކޮވެނޭއާއެކު ބޭއްވެވި ބައްދަލުވުމެއްކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ ބައްދަލުވުމުގައި ގައިދުރުކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އޭގެ ފަހުން މިދިޔަ ބުދަ ދުވަހުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައިވެސް އޭނާވަނީ ބައިވެރިވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތަކުން މާސްކު އަޅާފައިވާކަމަށް އޮސްޓްރިއާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައްޔަށް ތަހުލީލުކުރުމުން އެއްވެސް ބޭފުޅަކަށް ބަލިޖެހިފައިވާކަމަށް ނަތީޖާތައް ދައްކާފައެއް ނުވެއެވެ.

ބެލްޖިއަމްގެ ޚަރިޖީ ވަޒީރު ސޯފީ ވިލްމެސްއަށް ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގައެވެ. އެއީ އޭނާގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނި އަމިއްލައަށް އެކަހެރިވެވަޑައިގެންތާ އެއްދުވަސް ފަހުންނެވެ. ގެއިން ބޭރުގައި އުޅުއްވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާތީ ބޮޑަށް ބެލެވެނީ ބައްޔަށް ހުށަހެޅިފައިވަނީ ޢާއިލާގެ މެންބަރެއްގެ ފަރާތުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސްވަނީ ކޯވިޑް-19އަށް ނެގެޓިވް ވެފައެވެ. އޭގެ އިތުރުން ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރާއި ސްޕެއިނުގެ ޚާރިޖީ ވަޒީރުވެސްވަނީ ކޯވިޑް-19އަށް ނެގެޓިވް ވެފައެވެ. ސްވީޑަންގެ ޚާރިޖީ ވަޒީރު އޭން ލިންޑުވެސް މިހާރުވަނީ ބައްޔަށް ތަހުލީލުކޮށްފައެވެ. ނެގެޓިވް ނަތީޖާއެއް ލިބެންދެން އެކަމަނާ މަސައްކަތްކުރައްވަމުންދާނީ ގޭގައި ހުންނަވައިގެންކަމަށް ސްވީޑަންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ގްރީސުގެ ސަރުކާރަށް ނިސްބަތްވާ މަސްދަރަކުން ބުނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ނިކޮސް ޑެންޑިއަސް ވަރަށް ގިނަ ގިނައިން ކޯވިޑް-19އަށް ތަހުލީލުކުރާކަމަށާއި އޭނާގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.