ވިޔަފާރި

ކޯވިޑް-19ގެ ހާލަތުގައިވެސް ފަތުރުވެރިކަން ކުރިއެރުވިދާނެކަން ރާއްޖެއިން ދަނީ ދުނިޔެއަށް ދައްކައިދެމުން- މައުސޫމް


ކޯވިޑް-19ގެ ހާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަން ކުރިއެރުވިދާނެކަން ރާއްޖެއިން ދަނީ ދުނިޔެއަށް ދައްކައިދެމުންކަމަށް ޓޫރިޒމަް މިނިސްޓަރ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް އަލުން ހުޅުވާލަމުން ދިޔުމާއި ގުޅޭގޮތުން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ 55% އެނދު އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ 12 އެއަރލައިންއަކުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާއިރު، ގިނަ އަދަދެއްގެ ޗާޓަރ ދަތުރުތައްވެސް ރާއްޖެއަށް ބާއްވަމުންދާ ކަމަށެވެ. އަދި މިއާއެކު ފަތުރުވެރިނަށް ރައްކާތެރި މަންޒިލަކަށް ރާއްޖެ ހެދުމަށް މެނޭޖްކުރުމުގައި އެހެން ޤައުމުތަކަށް ރާއްޖެ ނަމޫނާއަކަށް ވެފައިވާ ކަމަށް މަޢުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ 119 ރިސޯޓަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެެ. އަދި ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ޙިދުމަތްދޭން 36 ތަަނަކަށްވަނީ ހުއްދަ ދީފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ސަފާރީތަކަށްވެސް ހުޅުވާލާފައިވާއިރު، ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 116 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެެވެ. މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަދީފައިވާއިރު، މިހާތަނަށް 26 ގެސްޓުހައުސްއަކަށްވަނީ އަލުން ހުޅުވުމުގެ ހުއްދަ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ 26720 ފަތުރުވެރިންނެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. މިއަދަދު މިހާރުވަނީ 500އަށް ވުރެ މައްޗަށް އަރާފައެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ.