ވިޔަފާރި

މިމަހު އިތުރު 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ


މިމަހު އިތުރު 3 އެއަރލައިނަކުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ 'އަޕްޑޭޓްސް އޮން ދަ ކޯވިޑް-19 ސިޓުއޭޝަން އިން ދަ މޯލްޑްސް' ރިޕޯޓުގައިވާ ގޮތުން މިމަހު ލުފްތަންސާ، ފްލައިދުބާއީ އަދި ނޯޑުވިންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެއެވެ.

ޖަރުމަން ވިލާތުގެ ލުފްތަންސާއިން ރާއްޖެއަށް ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މިމަހުގެ 27 ވަނަ ދުވަހު އަލުން ފަށާނެއެވެ. ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ޑިމާންޑްގެ ސަބަބުންކަމަށް އެ އެއަރލައިނުން ބުނެއެވެ.

ފްލައި ދުބާއީއިން ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފްތާއަކު 4 ދުވަހު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ރަޝިޔާގެ ނޯޑުވިންޑު އެއަރލައިންވެސް ދަނީ މިމަހުގެ 27ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. ނޯޑުވިންޑު ވެގެންދާނީ ރާއްޖެއަށް ދަތުރުތައް ފެށި ރަޝިއާގެ ދެވަނަ އެއަރލައިންއަށެވެ.

ރަޝިއާގެ އޭރޯފްލޮޓުން މިހާރުވެސްދަނީ ރަޝިޔާގެ ޝެރެމެޓޯވް އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ހަފްތާއަކު ދެ ދަތުރު ކުރަމުންނެވެ. އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަދި ރާއްޖެއަށް އޮތް ޑިމާންޑު ރަނގަޅުވުމުން ރާއްޖެއަށް ބާއްވާ ދަތުރުތަކުގެ އަދަދު އިތުރު ކުރުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ. އެގޮތުން ހަފްތާއަކު 4 ހަތަރު ރާއްޖެއަށް ބޭއްވުމަށް އެއަރލައިނުން ދަނީ ތައްޔާރުވަމުންނެވެ.

އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް ދަތުރުތައް ފަށާ އެއަރލައިންތައްވެސް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ވެސް މިހާރުވަނީ ރާއްޖެއަށް އަލުން ފަށާފައެވެ. ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މިހާރުވެސް ބައިނަލްއަޤްވާމީ 12 އެއަރލައިންއަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރުތައް ހުޅުވާލުމާއި އެކު ބައިނައަލްއަޤްވަމީ އެއަރލައިންތަކަކުންދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންނެވެ. އަދި ރާއްޖެއަށް ދަތުުރުތައް ފެށި އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތައްކުގެ އަދަދު އިތުރުކުރަމުންނެވެ.