ޚަބަރު

ތަފާތު ޚިޔާލުތަކާއެކުވެސް ދީނާއި މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތްކުރުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި


ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ މުސާބަތުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިޒަމާނުގައި ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އެކު ތަފާތު ޚިޔާލްތަކާއި ވިސްނުންތައް ދިވެހިންގެ ތެރެއަށްވެސް ވަންނަމުންދާކަމަށެވެ. ނަމަވެސް ފިކުރު ތަފާތުވުމާއި، ޚިޔާލު ތަފާތު ވުމަކީ ދީނީ މިނިވަންކަމާއި، ޤައުމީ އެއްބައިވަންތަކަމާއި ސިޔާދަތަށް ލޮޅުން އަންނަޖެހޭ ކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ޤައުމުގެ އިޖުތިމާއީ ފޭރާމާއިމެދު ވިސްނާލުމަކީ މުހިންމުކަމެއްކަމަށެވެ. ބޭރުން ބަޔަކު އައިސް ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ނުކުރި ނަމަވެސް މިއަދު މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ނޭދެވޭ އަމަލުތަކަކީ އެއާއި އެއްފަދަ އަމަލުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖިންސީ ފުރައްސާރައާއި، މަސްތުވާތަކެއްޗާއި، ދީނީ އަޤީދާގެ ބަލިކަށި ކަމަކީ މިއަދު އޮތް އެންމެ ބޮޑު ނުރައްކާތަކުގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ، އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށީގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރަ، އިސްލާމްދީނަށް ތައުހީނުކުރުމުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން އަންނަ އައުން އަދި އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުން" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިއަދު އަނެއްކާވެސް އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކަމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވެގެން ދިޔަނުދީ ދެމެހެއްޓުމަށްކަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޒުމް ކަނޑައެޅުމަށްވެސް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.

"ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށް" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަން ކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް މިނިސްޓަރ އިމްރާން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް، އިޤްތިސާދު އާރާސްތުކޮށް، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޝަރަފާއި އިހުތިރާމް ލިބިގެންވާ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށްވެސް މިނިސްޓަރ އިމްރާން ވަނީޝުކުރު އަދާކުރައްވާފައެވެ.