ޚަބަރު

ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ސިޓީ ކައުންސިލުން ޚާއްޞަ ހޮޓްލައިނެއް ޤާއިމްކޮށްފި


މާލޭ ސިޓީ ކައުންސިލުން ޚިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ސިޓީ ކައުންސިލަށް ގުޅޭނެ ހޮޓްލައިން ނަންބަރެއް ޤާއިމުކޮށްފިއެވެ. މިހާރު "1622" އަށް ގުޅުމުން އެ ޚިދުމަތަކާއި ގުޅޭ ސެކްޝަނަށް ކޯލް ޑައިވަރޓްވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެމުންގެންދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިމާރާތްތަކުގައިކަމަށެވެ. އެހެންކަމުން މިކަމުގެ ދަތިކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް ސިފާ މުޙައްމަދު ވިދާޅުވިއެވެ. ނަމަވެސް އަލަށް ޤާއިމުކުރި ހޮޓްލައިން "1622"އަށް ގުޅުމުން ބޭނުންވާ ޚިދުމަތަކާ ގުޅޭ ސެކްޝަނާއި، އެޚިދުމަތެއް ލިބޭނެ އިމާރާތް ހުރި ތަނާއި ގުޅޭ މަޢުލޫމާތުވެސް މިހާރު ފަސޭހައިން ލިބޭނެކަމަށް ސިފާ ވިދާޅުވިއެވެ.

ކުރިންވެސް ކޯލްސެންޓަރުގެ ޚިދުމަތްދިން ނަމަވެސް، އެކި ސެކްޝަންތަކަށް އެކި ނަންބަރަށް ގުޅަންޖެހޭތީ ދިމާވި ދަތިތަކަށް މި ހޮޓްލައިނާއެކު ޙައްލެއް ލިބިގެންދާނެކަމަށް ސިފާ ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ އެކި ސެކްޝަންތަކުން އާއްމުންނާއި ގުޅޭ 28 ޚިދުމަތެއްދަނީ ދެމުންނެވެ.

"ވަރަށް ބޮޑަށް އެބަ އޮޅުންއަރާ ގުޅަންވީ ތަނެއް. ބިން ރެޖިސްޓްރީކުރުން، އަލަށްވިހާ ކުދިންގެ އުފައްދުވަހުގެ ސެޓްފިކެޓާއި، ކެފޭ ރެޖިސްޓަރކުރަން، ނޫނީ މަގެއްގެ ގަހެއް ކެނޑިއަސް، ޗަކަވަޅެއްގެ މައްސަލަވިއަސް މަގުމައްޗަށް ޕެޓްރޯލްއެޅުނަށް ހަމަ ގުޅާނީ ސިޓީ ކައުންސިލަށް. ހޮޓްލައިންއާއިއެކު ފަސޭހައިން އިންގޭނެ ގުޅަންވީ ސެކްޝަނެއް." ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީކައުންސިލްގެ ޚިދުމަތްތައް ދިނުމަށް ގުޅަންޖެހޭ ސެކްޝަން އޮޅުންއަރައި، މީހުންނަށް ކުރިން ބޮޑު ތަކުލީފައިކާއި ކުރިމަތިވިކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. ހޮޓްލައިންގެ އިތުރަށް ސިޓީ ކައުންސިލުންދަނީ ކައުންސިލްގެ އެކި ސެކްޝަނުންދޭ ޚިދުމަތްތަކުގެ މަޢުލޫމާތުތައް، ފަސޭހައިން ފެންނާނެހެން ވެބްސައިޓްގައި ޝާއިއުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.